މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އިން އެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައޮވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމައަށް ރާއްޖެ އަށް ޖުމްލަ 69،553 ޓޫރިސްޓުން އައިސްފައިވާ އިރު، ރަޝިއާ އިން 11،367 ޓޫރިސްޓުން އައިސްފައިވެ އެވެ.
އެ ގައުމަކީ މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.
މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަށް ބަލާ އިރު، މިދިޔަ އަހަރު އެއް ވަނައިގައި އޮތް ޗައިނާ ގަދަ ފަހެއްގައި ވެސް ނުހިމެނޭކަން ފާހަގަކޮށްލެވެ އެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ފަސް ގައުމަށް ބަލާ އިރު، ރަޝިއާފެ ފަހަތުން އިޓަލީން 8،499 ޓޫރިސްޓުން، އިނގިރޭސިވިލާތުން 5،537 ޓޫރިސްޓުން، ޖަރުމަނުން 4،369 އަދި އިންޑިއާ އިން 3،241 ޓޫރިސްޓުން އައިސްފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ 11 ދުވަހަށް ބަލާއިރު އެންމެ ޓޫރިސްޓުން އައީ އިއްޔެ އެވެ. އެއީ 8،090 ޓޫރިސްޓުންނެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ކޮންމެ ދުވަހަކުވެސް އެވްރެޖްކޮށް 5،000 އަށް ވުރެ ގިނަ ފަތުރުވެރިން އާދެ އެވެ.