Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ޓެކްނޮލޮޖީ އަށް ރައީސް ވަރަށް އިސްކަން ދެއްވާ

މި ފަހުގެ ތާރީޚެއްގައި ވެސް ޓެކްނޮލޮޖީ އަށް އެންމެ ބޮޑު އިސްކަމެއް ދެއްވާ ވެރިއަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެ ވެ.

ރައީސް އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ކިނާނަތު ރޭ ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގައި ޓެކްނޮލޮޖީގެ ވާހަކަ ރައީސް ފާހަގަކުރައްވާ ކަމަށާއި މެނިފެސްޓޯގައި އެމަނިކުފާނު ފާހަގަކުރައްވާފައިވާ ވަރަށް ގިނަ ކަންތައްތަކެއް ޓެކްނޮލޮޖީ ދާއިރާގައި އެބަހުރި ކަމަށެވެ.

"ވަރަށް ގިނަ ޓެކްނޮލޮޖީ ބައިބައި އެބަހިމެނޭ. ދެން މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މެނިފެސްޓޯގައި ރައީސް ފާހަގަކުރައްވާފައިވާ ހުރިހާ ކަމެއް ފުރިހަމަކުރަން. ކޮންމެހެން އަޅުގަނޑުމެންނެއް މަޑެއްނުކުރާނަން މެނިފެސްޓޯގެ ކަންތައްތައް ފުރިހަމަކުރާކަށް ފަސް އަހަރު ވަންދެނެއް،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެން އޭގައި ހުރި ހުރިހާ ކަމެއް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނަން."

ކިނާނަތު ވިދާޅުވީ އެންސީއައިޓީގެ ފަރާތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ހަދާފައިވާ ކަމަށާއި އެ އެކްޝަން ޕްލޭން އެލައިންވެގެން ދާނީ ރައީސްގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކާއި އަދި އެކިއެކި ފޯރަމްތަކުގައި ޓެކްނޮލޮޖީއާ ގުޅޭ ގޮތުން ރައީސް ދައްކަވާފައިވާ ވާހަކަފުޅުތައްވެސް ހިމެނޭނެ ގޮތަަށް ކަމަށެވެ.

އަދި އެކްޝަން ޕްލޭން ކުރިއަށް ގެންދާނީ އެކި އަހަރުތަކަށް ބަހާލައިގެން ކަމަށް ވިދާޅުވި އެވެ.

ޓެކްނޮލޮޖީގެ ދާއިރާއަށް ރައީސް ދެއްވާ އަހަމިއްޔަތު ޓެކް އިންޑަސްޓްރީގެ ބޭފުޅުން ވެސް ފާހަގަކުރައްވާ ކަމަށް ކިނާނަތު ވިދާޅުވި އެވެ.

"އެގޮތުން ޓެކްނޮލޮޖީ އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ވަރަށް މުހިންމު އެހީތެރިކަމަކަށް ވާނެ ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން. އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންކަން ދަސްވެ އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގަ ވެވޭ އެއްބެސްވުންތައް އިމްޕްލިމެންޓް ވެއްޖެކަމަށްވާ ނަމަ ޓެކްނޮލޮޖީ ދާއިރާއަށް ވަރަށް ބޮޑު އިންގިލާބެއް އަންނާނެ.' އޭނަ ވިދާޅުވި އެވެ.

ރައީސްގެ އެސްޓޯނިއާގެ ދަތުރުފުޅުގައި އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް މަޝްވަރާކުރުމަށ ހަމަޖެހިފައިވެ އެވެ.