Last Updated: January 14, 23:07
Wednesday, January 15, 2025
ޚަބަރު

ނަޝީދު އަލުން އެމްޑީޕީއާ ގުޅޭ ވާހަކަ ދޮގުކޮށްފި

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ފަތުރަމުންދާ ވާހަކަތައް ދަ ޑިމޮކްރެޓްސް އިން ދޮގުކޮށްފި އެވެ.

ޑިމޮކްރެޓްސްގައި އުޅުއްވި އަދި ނަޝީދުގެ އަރިސް ބޭފުޅުންތަކެއް ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ މިހާރު ގުޅިވަޑައިގެންފަ އެވެ. އޭގެތެރޭގައި ހިމެނެނީ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އާއި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިގަންނަވަން އުޅުއްވާ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އެޕާޓީގެ އިތުރު މެންބަރަކު ވެސް ޕާޓީ ދޫކޮށް ވަޑައިގަންނަވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

"ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ވާހަކައެއް ނެތް. ޕާޓީގެ އެހެން މެންބަރުން، ލީޑާޝިޕް ނޫނީ އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެހެން ޕާޓީތަކާ ގުޅިވަޑައިގަތުން، އެކަހަލަ ވާހަކަތަކެއް އަޅުގަނޑުމެންނަކަށް ނުއިވޭ،" އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ނަޝީދު އެވެ.