Last Updated: January 14, 23:07
Wednesday, January 15, 2025
ޚަބަރު

ސިޔާސީ ނިންމުންތައް ނިންމަނީ ނަޝީދާ މަޝްވަރާކޮށްފައި

ރައީސް ނަޝީދާއި، ހަސަން ލަތީފް - ފޮޓޯ: ރާއްޖެއެމްވީ

ސިޔާސީ ބޮޑެތި ނިންމުންތައް ނިންމަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް، ދަ ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހަސަން ލަތީފް ވަނީ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ. ހަސަންގެ އިތުރުން ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިފަ އެވެ.

ރާއްޖެޓީވީގައި މިރޭ ވާހަކަދައްކަމުން ހަސަން ވިދާޅުވީ ސިޔާސީ ކަންކަން ނިންމާއިރު އަބަދުވެސް މަޝްވަރާ ކުރާ ބައެއް ބޭފުޅުން ތިއްބަވާ ކަމަށާއި ނަޝީދަކީ އޭގެތެރެއިން ބޭފުޅެއް ކަމަށެވެ.

"ބޮޑު ނިންމުމެއް އަޅުގަނޑު ނިންމާ ކަމަށްވާނަމަ، ރައީސް ނަޝީދާއި މަޝްވަރާ ނުކޮށެއް ދުވަހަކު ވެސް އަޅުގަނޑެއް އެކަމެއް ނުކުރަން،" ހަސަން ވިދާޅުވި އެވެ.

ނަމަވެސް ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ ކުރިން ނަޝީދާއި މަޝްވަރާ ކުރިކަން ނުވަތަ ނޫންކަން ވިދާޅުވާން ހަސަން ވަނީ ދެކޮޅު ހައްދަވާފަ އެވެ.

"އަޅުގަނޑު ކަންކަން ކުރާ އުސޫލުގެ ވާހަކަ މި ދެންނެވީ. ބޮޑު ކަމެއް ސިޔާސީ ގޮތުން އަޅުގަނޑު ނިންމާ ކަމަށްވާނަމަ ބައެއް ބޭފުޅުން ތިއްބަވާ އަޅުގަނޑު އަބަދުވެސް އެ ބޭފުޅުންގެ ހިޔާލުވެސް، މަޝްވަރާ ވެސް އަދި އަޅުގަނޑު ނިންމާ ގޮތެއްގެ ވާހަކަ ދަންނަވާ ބޭފުޅުން،" ހަސަން ވިދާޅުވި އެވެ.

ނަޝީދުގެ އަރިސް ބޭފުޅުންތަކެއް ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވާއިރު، މިކަމާ ގުޅޭގޮތުން އެމަނިކުފާނު މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ނަޝީދު އެވެ.