ރާއްޖޭގައި ވެސް ސިޙުރުވެރިން އުޅޭކަމީ ހިތާމަޔާއެކީ ފާހަގަކުރާކަމަކެވެ. މިފަދަ މީހުންގެ ސަބަބުން އެތައް ބަޔަކަށް ތަފާތު ވައްތަރުގެ ގޯނާކޮށް އުނދަގޫކޮށް ހަދަ އެވެ. މީހުން މޮޔަކޮށް، ދަރިންނުލިބޭގޮތް ހަދައި، ނަފުސާނީގޮތުން އުނދަގޫކުރިމަތިކުރުވައި، ދެމަފިރިން ދެމެދުގައި ފިތުނަ އުފައްދައި ވަރިފަށަށް އަރުވައި، ދެމަފިރިން އެއްދާންކުރުމަށް ހުރަސްއަޅައި، ދެމީހަކު ގަދަކަމުން ތަތްކުރުމަކީ މިގޮތުން މިނުބައިމީހުން ކޮށްއުޅޭ މަޝްހޫރުކަންކަމެވެ.
އަޖައިބު ކުރުވަނިވި ކަމަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި މިކަމަށް ބޭނުންކުރަމުން އައި ނަމުގެ ސަބަބުން ޢާއްމު މީހުންނަށް މިކަން އޮޅިފައި އޮތްކަމެވެ. މިގޮތުން ޢާއްމުންނަށް ޤަބޫލު ކުރެވިފައިވާ ގޮތުގައި ސިޙުރަކީ މިއީ ނުބައި ވައްތަރެވެ. އަދި ފަންޑިތަ އަކީ ސިޙުރު ރަނގަޅުކުރުމަށް ހަދާ އެއްޗެކެވެ. މިއީ ގޯސް ހީކުރުމެކެވެ.
މިއީ އަޞްލުގައި ސިޙުރުވެރިން މީސްތަކުންނަށް އޮޅުވާލައި، މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކެއުމަށްޓަކައި ހަދާފައިވާ މަކަރެކެވެ. އެއިގެތެރެއިން ބައެއް މީހުން ސިއްރުގައި ސިޙުރު ހެދުމަށް ފަހު، އަލުން އެސިޙުރު ރަނގަޅު ކުރުމަށް ފަންޑިތަ ހެދުމުގެ މާނާގައި މީސްތަކުންގެ ކައިރިއަށް އާދެ އެވެ. މިއީ އެބައި މީހުން މީސްތަކުންގެ އަތުން މުދާ ހޯދުމަށާއި، އެމީހުންދެކެ މީސްތަކުން ޖެހިލުން ކުރުވުމަށާއި، ޤަދަރާ ޢިއްޒަތް ހޯދުމަށްޓަކައި ޖަހާ މަކަރެކެވެ. އަދި މީގެ ތެރޭގައި އެއްވެސް ތަނެއް ދޮރެއް ނުދަންނަ މީހުން މި މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި ފަންޑިތަ ހަދާކަމުގެ ނަމުގައި އުޅެއެވެ.
ޙަޤީޤަތައް އަޅުގަނޑުމެން ބަލާލައިފިކަމުގައިވާ ނަމަ، މިބައިމީހުންގެ ތެރެއިން ބައެއްމީހުން ފަންޑިތައިގެ ނަމުގައި އެކުރާކަންކަމަކީ ސީދާ ޝިރުކުގެ ކަންތައްތަކެވެ. އަދި ބައެއްމީހުން އިސްލާމީ ޝަރީޢަތާ ފުށުއަރާ، އެއްވެސް ދަލީލަކުން ސާބިތުވެފައި ނުވާ ކަންތައްތައްކޮށް އުޅެއެވެ. އެގޮތުން، އެހަދާ ފަންޑިތަކުގައި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް ވަކިވަކި އަކުރުތައް ގޮތުގައި ލިޔުމާއި، އަކަ ކުރެހުމާއި، ވަޅިޖެހުމާއި، ތަވީދު އެޅުން ފަދަ ކަންކަން ހިމެނެ އެވެ. މިފަދަ ކަންކަމަކީ ޤުރުއާނާއި ސުންނަތުން ޘާބިތު ނުވާ، އެކަން ކަމަށް އެއްވެސް ދަލީލެއް ހުރި ކަންކަމެއް ނޫނެވެ.
ހަމަ މިފަދައިން، ފަންޑިތަވެރިޔާ މިފަދަ ކަންކަންކުރުމުގެ ސަބަބުން ސިޙުރުޖެހިފައިވާމީހާ ނުވަތަ ޖިންނި ބަލިޖެހިފައިވާ މީހާ ރަނގަޅުވެއެވެ. މީގެ ޙަޤީޤަތަކީ ޝައިޠާނާއަކީ އަބަދުވެސް އިންސާނުން މަގުފުރެއްދުމަށްޓަކައި މަސައްކަތްކުރާ އެއްޗެކެވެ. ﷲ ޙަރާމްކުރައްވާފައިވާ ކަމަކަށް އަރައިގަތުމުން ނުވަތަ ޖިންނި ބަލިޖެހިފައިވާމީހާގެ ޒަރީޢާއިން ޝައިޠާނާ އެވެނިކަމެއް ކުރުމަށް ބުނުމުން، އެކަންކޮށްފި ނަމަ އެކަމުގެ އުފަލުގައި އޭނާ ނުކުމެގެން ދަނީ އެވެ.
ޝައިޠާނާ އަބަދުވެސް އަމުރުކުރާނީ ﷲ ޙަރާމްކުރައްވާފައިވާކަމަކަށެވެ. އޭގެފަހުގައި އެހެން މީހުންނަށް ގޯނާކޮށްގެން، އަނެއްކާވެސް އެއްކަލަ ޙަރާމްކުރެއްވި ކަންތައްކުރާއިރަށް ނިކުމެގެން ދަނީ އެވެ. އެއީ މީސްތަކުންނަށް އެކުރާ ޙަރާމްކަމަކީ ރަނގަޅު ބޭސްފަރުވާއެއް ކަމަށް މީސްތަކުންނަށް ދެއްކުމަށްޓަކަ އެވެ. މިކެ ހިވެރިމަޅީގައި މީސްތަކުން ޖައްސައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރައްވާފައިވާ ކަންކަން ރިވެތިކޮށް ޒީނަތްތެރިކޮށްދީ ގެން މީސްތަކުންގެ ތެރޭގައި ޝައިޠާނާ ފަތުރަ އެވެ. މިކަމުގައި ޝައިޠާނާއަށް އެހީވެ، ވާގިވެރިވާ ބަޔަކީ ސިޙުރުވެރިންނާއި، ފަންޑިތައިގެ ނަންދީގެން ސިޙުރު ހަދާ މީހުންނެވެ.
މަސްދަރު: ދިސަލަފިއްޔާ