އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި މިރޭ ޕެނަލްޓީގައި އާސެނަލް 5-3 އިން ބަލިކުރުމަށްފަހު، މުބާރާތުގެ ހަތަރުވަނަ ބުރަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފި އެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 52 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ޔުނައިޓެޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި ގަނާޗޯ ތަނަވަސްކޮށްދިން ފުރުސަތަކުން ފެނާންޑޭސް ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 61 ވަނަ މިނެޓްގައި ޑިއޯގޯ ޑަލޮޓަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުން މެޗުގެ ބާކީބައި ޔުނައިޓެޑުން ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. އޭނާ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ އާސެނަލްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.
އާސެނަލުން ނަތީޖާ އެއްވަރުކުރީ މެޗުގެ 63 ވަނަ މިނެޓްގައި އެޓީމުގެ ޑިފެންޑަރު ގެބްރިއަލްގެ ގޯލުންނެވެ. މެޗުގެ 72 ވަނަ މިނެޓްގައި ލީޑު ނަގަން އާސެނަލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް މާޓިން އޮޑެގާޑް ފޮނުވާލި ޕެނަލްޓީ މަތަކުރީ ޔުނައިޓެޑްގެ ކީޕަރު އަލްޓޭ ބެއަންދީރް އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ އާސެނަލްގެ ކައި ހަވެޓްޒް އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.
މެޗުގެ 90 މިނެޓް ކުޅެ ނިމުނުއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެެވެ. އެ ދެ ހާފަށް ފަހު ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ.
އެގޮތުން ޔުނައިޓެޑުން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު، އާސެނަލަށް ކާމިޔާބު ނުކުރެވުނީ ހަވެޓްޒް ފޮނުވާލި ޕެނަލްޓީ އެވެ. އެ ޕެނަލްޓީ ވެސް މަތަކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑްގެ ކީޕަރު ބެއިންދީރް އެވެ.
އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ލެސްޓަ ސިޓީއާ އެވެ.