ރެއާލް މެޑްރިޑް 5-2 އިން ބަލިކުރުމަށް ފަހު، ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.
މިއީ ބާސެލޯނާ އިން ސްޕެނިޝް ކަޕް ހޯދި 15 ވަނަ ފަހަރު ކަމަށްވާއިރު، ބާސާ އަކީ މި މުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބުކުރި ޓީމެވެ.
ސައުދީ އަރަބިއްޔާގެ ރިޔާދުގެ ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފަސްވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 22 ވަނަ މިނެޓްގައި ޔަމީން ލަމާލް ބާސާ އަށް ނަތީޖާ އެއްވަރުކޮށްދިން އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާ އިން ވަނީ ތިން ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. ބާސާގެ ދެވަނަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮބަޓް ލެވެންޑޯސްކީ ކާމިޔާބުކޮށްދިން އިރު، އޭގެ ތިން މިނެޓް ފަހުން ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ.
ބާސާގެ ހަތަރުވަނަ ގޯލު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އަލެހަންދްރޯ ބާލްޑޭ ކަމަށްވާއިރު، ދެވަނަ ހާފްގެ ކުރީކޮޅު ރަފީނިއާ ވަނީ ބާސާގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މެޗުގެ 56 ވަނަ މިނިޓްގައި ބާސެލޯނާގެ ކީޕަރު، ވޮޖްޝިއޭ ޝެޒްނީ އަށް ދެއްކި ރަތްކާޑާ އެކު ބާސާ އިން މެޗުގެ ބާކީބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. މިއީ، އެމްބާޕޭ އަށް ޝެޒްނީ ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑެކެވެ. މި ފައުލަށް ލިބުނު ހިލޭ ޖެހުމުން، ރޮޑްރީގޯ ވަނީ ރެއާލްގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މި ގޯލަށް ފަހު، ރެއާލުން ގިނަ ބަދަލުތަކެއް ގެނެސް އިތުރު ގޯލުތަކެއް ޖެހޭތޯ ބެލި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.