މީގެ ހައެއް އަހަރު ކުރިން ހަވާލުކުރި ށ. ނަރުދޫ ފެނާއި ނަރުދަމާ ނިޒާމު މަޝްރޫއު ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ މަޝްރޫއު ވީހާ ވެސް އަވަހަކަށް ނިންމައި ދޭން ކައުންސިލަށް ސަރުކާރުން ގޮވާލައިފި އެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަށުގެ ފެނާއި ނަރުދަމާ މަޝްރޫއު ބަޔަކާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2019 ގައި ކަމަށެވެ. އޭރު މަޝްރޫއު ހަވާލުކުރީ ސެޕްޓެމްބަރު 28، 2021 ގައި ނިންމާ ގޮތަށް ވެސް ކައުންސިލުން ބުންޏެވެ. ނަމަވެސް އެ މުއްދަތަށް މަސައްކަތް ނިމިފައި ނުވާތީ ދެވަނަ ފަހަރަށް ސަރުކާރުން މުއްދަތު އިތުރުކޮށް ދިން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެގޮތުން ސެޕްޓެމްބަރު 28، 2022 ގެ ނިޔަލަށް މަސައްކަތް ނިންމާ ގޮތަށް މުއްދަތު އިތުރުކޮށް ދިން ނަމަވެސް ނަރުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް ކައުންސިލުން ބުންޏެެވެ.
"މި މަސައްކަތް ހުއްޓި ގިނަ ދުވަސް ވެފައިވާތީ، މަސައްކަތް ކުރުމަށް ގެނެސްފަ އިހުރި ކޮންސްޓްރަކްޝަން މެޓީރިއަލްސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ތަކެތި ވީރާނާވެ އެތަކެތި ވަނީ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައި،" ބަޔާނުގައި ބުންޏެވެ. "އޭގެ ސަބަބުން ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާއި އުނދަގޫތައް ކުރިމަތިވަމުންދާކަން ފާހަގަކުރަން."
ކައުންސިލުން ބުނީ މިކަން އެތައް ގޮތަކަށް އެތައް ފަހަރެއްގެ މަތިން ވާނީ މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާއި، ސަރުކާރުގެ ކަމާއިގުޅުން ހުރި އިދާރާތަކަށް ވެސް އަންގާފައިވާ ކަމަށެވެ.
އަދި މިހާރުގ ސަރުކާރު އައި ފަހުން ފަހުން ފާއިތުވި އެއް އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު، ނަރުދޫފެ ފެނާއި ނަރުދަމާގެ މަޝްރޫއު އިތުރު ފަރާތަކާ މަސައްކަތް ޙަވާލު ކުރިކަމުގެ އެއްވެސް މަޢުލޫމާތެއް ރަސްމީ އެއްވެސް ގޮތަކުން ލިބިފައި ނުވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
"މި މަޝްރޫޢުގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތަކަކީ އިންތިހާ އަށް ކަންބޮޑުވުން ހުރި ބޮޑެތި ސީރިއަސް މައްސަލަތަކެއް. ކުރެވުނު މުޢާމަލާތްތަކުން ފާހަގަވީ އެއް ކަމަކީ ދެ ފަރާތުން ދައްކާ ވާހަކަ ދިމާނުވާ ކަމާއި އޭގެ ޒިންމާ އުފުލާނީ ކޮން ފަރާތަކުންކަން ވެސް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައިވާކަން." ބަޔާމުގައި ބުންޏެވެ. "ނަމަވެސް ކައުންސިލުން ދެކޭ ގޮތުގައި ކަންކަން އެގޮތަށް ދިޔުން އެއީ ރައްޔިތުން ޚިދުމަތުން މަޙްރޫމްވާންޖެހޭ ސަބަބެއް ނޫން."
ކައުންސިލުން ބުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ށ. އަތޮޅަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ދެއްވި ފުރުޞަތެއްގައި ށ. މިލަންދޫގައި އޮތް ބައްދަލުކޮށްލުމެއްގައި ވެސް އެމަނިކުފާނަށް މިކަން ހިއްސާކޮށްފައިވާ ކަމަށެވެ. ދަންނަވާފައެވެ. އަދި ރައީސް އޮފީހަށާއި، ކޮންސްޓްރަކްޝަންސް މިނިސްޓްރީ އަށް ވެސް ވެސް ކަންބޮޑުވުންތައް ހިއްސާކޮށް ސިޓީތަކެއް ފޮނުވާފައިވާ ކަމަށް ނަރުދޫ ކައުންސިލުން ބުންޏެވެ.
"އެހެންވެ ނަރުދޫގެ ހުއްޓިފައިވާ ނަރުދަމާ ނިޒާމާ ބެހޭ މަސްރޫޢުގެ ޢަމަލީ މަސައްކަތަށް ޚާއްޞަ އިސްކަމެއްދެއްވައި، އެކަން ހައްލުކޮށް ދެއްވުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ވަރަށް އަދޭހާއެކު ގޮވާލަން." ބަޔާނުގައިވެ އެވެ.