އެމްޑީޕީ އަކީ ރާއްޖެ އަށް އުންމީދާއި ހެޔޮ ބަދަލު ގެނެސްދޭ ޕާޓީ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް އަލުން ޕާޓީއާ ގުޅިވަޑައުގަތުމުން މަރުހަބާ ވިދާޅުވެ، ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ އަބަދު ވެސް ޑިމޮކްރަސީ އަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ.
"އަޅުގަނޑު އެދެނީ ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެމްޑީޕީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވީހާ ވެސް ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެން ދެއްވުމަށް." ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އެމްޑީޕީއަށް އެނބުރި ވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް @HassanLatheef @MohamedShifaz_ , @aliaazim @HusenAmr @Mmgibu މަރުޙަބާ!
މިޕާޓީއަކީ ދިވެހިރާއްޖެއަށް އުއްމީދާއި ހެޔޮ ބަދަލު ގެނެސްދޭ ފަޚުރުވެރި ޕާޓީ.
އަޅުގަނޑު އެދެނީ ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން…
— Abdulla Shahid (@abdulla_shahid) January 12, 2025
ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ އަލުން ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ކުރިން އެމްޑީޕީގެ ޗެއާޕާސަން މަގާމު އަދާކުރެއްވި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާ އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި އަދި ޑިމޮކްރެޓްސްގެ ނައިބުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު ހިމެނެ އެވެ.
މީގެ އިތުރުން ޑިމޮކްރެޓްސްގެ ކައުންންސިލް މެންބަރު އަލީ އާޒިމާއި އެ ޕާޓީން 2023 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވި އިލްޔާސް ލަބީބުގެ ރަނިންމޭޓް ހުސައިން އަމްރު ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެެވެ.