Last Updated: February 5, 05:45
Wednesday, February 5, 2025
މުނިފޫހިފިލުވުން

ވަމީގާ އަށް ފުލުފުލުގައި ފިލްމުތަކެއް

މިދިޔަ މަހު ރިލީޒްކުރި ވަރޫން ދަވަންގެ "ބޭބީ ޖޯން" ގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ވަމީގާ ގައްބީ އަށް އަނެއްކާ ވެސް މަޝްހޫރު ތަރިއެއްގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އިންޑިއާގެ ކުރީގެ ސުޕަހީރޯ ސިލްސިލާ "ޝަކްތީމާން" އަސްލަކަށް ބަލައިގެން ރަންވީރު ސިންގްއާ އެކީ ހަދަން ނިންމާފައިވާ ފިލްމުގެ ބަތަލާގެ ރޯލު ވަމީގާ އަށް ހުށަަހަޅާފައިވާ ކަމަށެވެ. އެކަމަކު އެ ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރާތީ އެކަން އަދި ކަށަވަރެއް ނުވެ އެވެ.

ނަމަވެސް މިޑް-ޑޭ އިން ބުނީ ރަންވީރުގެ ފިލްމުގެ ބަތަލާގެ ރޯލު ވަމީގާ އަށް ހުށަހަޅައި އޭނަގެ ތާރީހާ ގުޅޭ މަޝްވަރާތަކެއް މިހާރު ކުރިއަށްދާ ކަމަށެވެ.

މިހާރު ގިނަ ހުށަހެޅުންތަކެއް އޮހެމުން އަންނަ 31 އަހަރުގެ ބަތަލާ އަކީ ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުވަތަކުން ހަދާ ފިލްމުތައް ވެސް ކުޅެމުން އަންނަ ބަތަލާއެކެވެ. އެގޮތުން އަކްޝޭ ކުމާރުގެ "ބޫތު ބަނގްލާ" ގެ ބަތަލާގެ ރޯލު ވެސް ލިބިފައިވާ ވަމީގާ މިދިޔަ ހަފުތާގައި ވަނީ މަޝްހޫރު ތެލެގޫ އެކްޓަރު އަދިވީ ސޭޝްގެ ސްޕައި-ތުރިލާ "ޖީ2" އަށް ވެސް ސޮއިކޮށްފަ އެވެ. އޭނައާ އެކީ ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލާފައިވެ އެވެ.

ވަމީގާ އަންނަނީ ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީއާ އެކީ ޑައިރެކްޓަރު ވިކާސް ބާލްގެ ރޮމޭންޓިކް ކޮމެޑީ "ދިލް ކާ ދަރުވާޒާ ކޯލް ނާ ޑާލިން" ގެ ގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަން ވެސް ހިމެނެ އެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޕަންޖާބީ ފިލްމު "ކިކްލީ" އާއި ތަމަޅަ ފިލްމުތައް ކަމަށްވާ "ޖީނީ" އާއި "އިރަވާކާލަމް" އަދި މަލަޔާޅަމް ފިލްމު "ޓިކީ ޓަކާ" ހިމެނެ އެވެ.