ޑިމޮކްރެޓްސްގައި ސިޔާސީ ކުރިމަގެއް ނެތް ކަމަށާއި އެ ޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީ އަށް ވަޑައިގެންނެވި އެ ސަބަބާ ހ7ރެ ކަމަށް ޑިމޮކްރެޓްސްގެ ރައީސްކަން ކުރެއްވި ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ހަސަން ވިދާޅުވީ ޑިމޮކްރެޓްސް އަކީ އެ ބޭފުޅުން އެމްޑީޕީ ދޫކޮށްލަައްވައި، 2023 ގައި އޭރުގެ ހާލަތު އޮތް ގޮތުން ވަރަށް މަސައްކަތުން އުފެއްދި ޕާޓީއެއް ކަމަށެވެ. އެކަމަކު ދެ ޕާޓީގެ އަސާސީ ގަވާއިދާއި އުސޫލުތަކުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.
އެކަމަކު ޑިމޮކްރެޓްސް އަކީ މަގުބޫލު ޕާޓީއަކަށް ހެދުމަށް ކުރި ގިނަ މަސައްކަތްތައް ކާމިޔާބު ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވުނު ގޮތުގައި އަޅުގަނޑު ކުރަން އޮތް މަސައްކަތް، އެ މަސައްކަތް ޑިމޮކްރެޓްސްގަ ހުރެގެން އިތުރަށް ކުރުމުގެ ފުރުސަތު ހަގީގަތުގަ ވަރަށް ކުޑަ" ހަސަން ވިދާޅުވި އެވެ. "މިދެންނެވީ އަޅުގަނޑަށް އެ ޖާގަ ލިބިފަ ނެތީއަކީއެއް ނޫން. ތަންމިނަށް ޖާގަ އެބައޮތް އަމުދުން ރައީސްވީމަ ޖާގަ ލިބޭ. ނަމަވެސް އަޅުގަނޑު މި އެދޭ މިންވަރަށް ކުރާނެ މީހުން އިންތިހާއަށް ނެތީ."
އޭނަ ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެދިގެން އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި، އެކަންކު ރެވޭނީ ވެރިކަމަށް އައިސްގެން ކަމަށެ. ނަމަވެސް ޑިމޮކްރެޓްސް އަށް ސަރުކާރެއް އުފަންކުރުމުގެ ފުރުސަތު އޮތް މިންވަރު ވަރަށް ހަނި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދު ވެސް ބަލަން ކުރިއަށް ހުރި އިންތިހާބުތަކުގަ ކިހިނެއްތޯ ޕާޓީ ގެންދެވޭނީ، ޕާޓީއަށް ވޯޓު ހޯދައިގެން ސަރުކާރެއްގާއިމް ކުރެވިދާނެތޯ. މިހެން ބަލާ އިރު އަޅުގަނޑަށް ގަބޫލުކުރަން ދަތި މިވަގުތު ޑިމޮކްރެޓްސްއަށް ސަރުކާރެއް ގާއިމްކޮށްގެން،" 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ތިން ވަނަ އަށް ދިޔަ ޕާޓީއާ ގުޅޭ ގޮތުން ހަސަން ވިދާޅުވި އެވެ. "ޑިމޮކްރެޓްސްގެ ތެރެއިން ސަރުކާރެއް އުފަން ކުރުވައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެ ފުރުސަތު ހަގީގަތު އޮތް ކަމަށް ދެކެން ދަތި."
އޭނާ ވިދާޅުވީ ޑިމޮކްރެޓްސް ކުރިއަރުވަން އެކި މަސައްކަތް ކުރި ނަމަވެސް ކުރިމަގެއް ފެނިފައި ނުވާ ކަމަށެވެ. ސިޔާސީ ގޮތުން އަމިއްލައަށް ވެސް އެތައް ބައިވަރު ކަންކަން ކުރަން ރާވާފައި ހުރި ނަމަވެސް އެ ޕާޓީގައި ހުރެގެން އެކަންކަން ހާސިލް ކުރެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.