މިވަގުތު ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް މުސްޙަފެއް ފޯރުކޮށްދޭން ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށް އަދާލަތު ޕާޓީގެ އިސްބޭފުޅަކު ބުނެފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އަދާލަތު ޕާޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މުސްޙަފަކާއި މުސައްލައެއް ފޯރުކޮށްދިނުމަށް އެދުމުން ފުލުހުން އެކަމަށް އިޖާބަ ދީފައި ނުވާކަމަށާއި އަދި ޝެއިޚް އިމްރާން ބަހައްޓާފައި ހުރީ ވަރަށް ކުޑަ ގޮޅިއެއްގައި ކަމަށެވެ.
" ޝެއިޚް އިއްޔެ އެދުނު މުސްޙަފެއް ފޯރުކޮށްދިނުމަށް. ފުލުހުން ވަނީ އެކަމަށް ދެކޮޅު ހަދާފައި. އަދި މިހާރު ޝެއިޚް ހުންނެވި ގޮޅީގައި ފަންކާއެއް ނެތް. އެންމެ ފުރަތަމަ ވެސް ބަންުދުކޮށްފައި ބެހެއްޓި ކުޑަ ގޮޅީގައި އެހުންނެވީ. މިއީ އިންސާނީ ހައްޤުތަކާއި ޚިލާފަށް ހިންގާ ޖަރީމާއެއް." އޭނާ ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ފޯން ނުނަންގަވާތީ ފުލުހުންގެ ބަހެއް މިކަމުގައި ލިބޭގޮތް ވަނީ ނުވެފައެވެ.
ޝެއިޚް އިމްރާން އާއި ދެކޮޅަށް ޢަމަލުކުރަމުން ދަނީ ޤާނޫނުތަކާއި ޚިލާފަށް ކަމަށް ބުނެ އެމަނިކުފާނަށް ތާއީދުކުރާ ގިނަބަޔަކު ގެންދަނީ ސޯޝަލް މީޑިޔާގައި ސަރުކާރަށާއި ޖުޑީޝިއަރީ އަދި ފުލުހުންނަށް ފާޑުކިޔަމުން ކަން ފާހަގަކޮށްލެވެއެވެ.