Last Updated: February 5, 05:45
Wednesday, February 5, 2025
ޚަބަރު

ފުވައްމުލަކު ޑްރަގް ބޮޑުން އަލުން ބަންދަށް

މަސްތުވާތަކެތި ވިއްކައި މިލިއަނުން ފައިސާ ލޯންޑަކުރި މައްސަލައިގައި ހައްޔަރުކުރި ފުވައްމުލަކުގެ ޑްރަގް ބޮޑުންތަކެއް ހައި ކޯޓުން ދޫކޮށްލާފައި ވަނިކޮށް، އެ މީހުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަލުން އިއްޔެ ބަންދުކޮށްފި އެވެ.

އެ މައްސަލައިގައި މިދިޔަ މަހު ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރީ ފުވައްމުލައް ދޫޑިގަން، އަހުމަދު ނިއުޝާދު، 34، އާއި ދޫޑިގަން ޒަމާނީވިލާ ހަސަން އާޒިމް، 29، އެވެ.

އެ ދެ މީހުން އަލުން އިއްޔެ ބަންދުކުރީ އަލުން ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އެ މީހުން މާލެއަށް ގޮސް މާލެ ކައިރި ރަށަކަށް ދާން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ. ދެ މީހުން ބަންދަށް ޖެހީ 10 ދުވަހެވެ. އަދި ބަންދުކުރުމަށް އާ އަމުރެއް ނެރެން ހުރަހެއް ނެތް ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

މަސްތުވާތަކެތީގެ މުއާމަލާތުގެ ތެރެެއިން ނިއުޝާދުގެ އެކައުންޓްތަކުގައި 21 މިލިއަން ރުފިޔާ ރޯލްކޮށްފައިވާ އިރު، އާޒިމްގެ އެކައުންޓްތަކުގައި 5 މިލިއަން ރުފިޔާ ރޯލްކޮށްފައިވެ އެވެ.

ފުވައްމުލަކުގައި ނޮވެމްބަރު މަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި އޭރު 58 މީހުން ހައްޔަރުކޮށް ދެ ކުންފުންޏެއްގެ ބޭންކު އެކައުންޓް ހިފެހެއްޓި އެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކުރާ 65 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވާފައިވެ އެވެ.