Last Updated: February 5, 05:45
Wednesday, February 5, 2025
ޚަބަރު

'ކަށަވަރު ޕްރޮމޯ 2024' ގެ ނަސީބުވެރިޔާ ހޮވައިފި

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2024" ގެ ނަސީބުވެރިޔާ ހޮވައި އިނާމު ހަވާލުކޮށްފި އެވެ.

މިދިޔަ ނޮވެމްބަރު މަހުން ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ އެންޓްރެކް ހޯލްޑިން އެވެ. އެ ކުންފުންޏަށް އެމްޓީސީސީން ވަނީ ޕްރޮމޯޝަނަށް ހުށަހެޅި 60 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑު އިންޖީނު އިއްޔެ ހަވާލުކޮށްފަ އެވެ.

"ކަށަވަރު ޕްރޮމޯ" އަކީ އެމްޓީސީސީން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ "ކަށަވަރު" ޝޯރޫމުގައި ކުރިިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަކީ އޮޑިވެރިންނާއ،ި މަސްވެރިންނާއި ޓޫރިޒަމް އަދި ޓްރާންސްޕޯޓް ދާއިރާއާ ގުޅުން ހުރި ގިނަ ތަކެތި ޑިސްކައުންޓުތަކާ އެކު ހެޔޮ އަގުތަކެއްގައި ވިއްކުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އެގޮތުން ޕްރޮމޯޝަނުގައި ސުޒުކީ އިންޖީނާއި އިންޖީނުގެ ސްޕެއާ ޕާޓްސްތަކާއި ކާސްޓްރޯލް އަޑީތެލާއި ސްކޮޓްބޭޑާއި ފައިބަރު ސާމާނާއި ޕީޕީޖީ މެރިން ކޯޓިން އަދި މަރޯލް ހުންގާނު ސިސްޓަމާއި އިންޑަސްޓްރިއަލް ގޭހާއި އޮޑިދޯނިފަހަރަށް ބޭނުންވާ އެކި ސާމާނުތަކުން ޑިސްކައުންޓް ދެ އެވެ.

"ކަށަވަރު ޕްރޮމޯ 2024" ކުރިއަށް ދިޔަ މުއްދަތުގެ ތެރޭ ގްރޭޓާ މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުން ޒިޔާރަތް ވެސް ކުރި އެވެ.