Last Updated: February 5, 09:07
Wednesday, February 5, 2025
މުނިފޫހިފިލުވުން

"ކޫސަނި" ރޯލުތައް ނުކުޅޭނަން: ކަންގަނާ

އުމުރާ ނުގުޅޭ ކަހަލަ "ކޫސަނި" ރޯލުތައް ފިލްމުތަކުގައި ނުކުޅޭނެ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެެވެ.

އޭނަ ޑައިރެކްޓްކޮށް، ކުޅެފައިވާ ސިޔާސީ ފިލްމު "އިމަޖެންސީ" ގެ ޕްރޮމޯޝަންގެ ތެރެއިން ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެެއްގައި ރޮމޭންޓިކް ކޮމެޑީ ކަހަލަ ލައިޓްހާޓެޑް ފިލްމުތަކުން ފެނިދާނެތޯ އެހުމުން 38 އަހަރުގެ ބަތަލާ ބުނީ އެ ކަހަލަ ފިލްމުތައް ކުޅޭ ވަރަށް ވުރެ އޭނަގެ އުމުރު މިހާރު ދޮށި ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އެހެންވ ޓީނޭޖް އުމުރާ ގުޅޭ ކަހަލަ ރޯލުތައް އަހަރެން މިހާރު ކުޅުނީމަ އެކަން ބެލުންތެރިން ވެސް ބަލައެއް ނުގަންނާނެ. އެހެންވެ ބޭނުމެއް ނޫން ކޫސަނި ރޯލުތައް ކުޅޭކަށް." ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުންޏެވެ.

ކަންގަނާ ބުނި ގޮތުގައި ފިލްމު ކުޅޭ މީހުން ވާން ޖެހޭނީ އެ މީހުންގެ އުމުރާ އެއްގޮތަށް ބަދަލު ވެސް ވާން ޖެހޭނެ ބަޔަކަށެވެ. އެހެންވެ އުމުރާ ނުގުޅޭ ކަހަލަ ރޯލުތައް ކުޅުމުން ބެލުންތެރިންނަށް އެކަން ބަލައިގަންނަން އުނދަގޫވާނެ ކަމަށް ވެސް ބުންޏެވެ.

"މިސާލަކަށް އަހަރެން ކުޅުނު ފެޝަން އާއި ކްއީން އަކީ އެ ފިލްމުތައް ގެނެސްދިން ދުވަސްވަރު އަހަރެންގެ އުމުރާ ހަމަ ވަރަށް ގުޅޭ ކަހަލަ ރޯލުތައް. އެހެންވެ އަބަދު ވެސް ބަލާނަން އުމުރު މަތިވާ ވަރަކަށް އެ އުމުރަކާ ގުޅޭ ކަހަލަ ރޯލުތައް ކުޅެވޭތޯ." ދެހާސް ހައެއްގެ "ގޭންގްސްޓާ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "އިމަޖެންސީ" ގައި ކަންގަނާ ކުޅެފައި ވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ.