ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއްވީ އައްޑޫ ޝަންގްރިއްލާ ރިސޯޓުގެ މައްސަލައަށް މިއަހަރުތެރޭގައި ހައްލެއް ހޯދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ ޝަންގްރިއްލާ ހުޅުވޭނެ ވަކި ތާރީހެއް ދަންނަވަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ބަންޑާރަ ނައިބުގެ ލަފަޔާއެކު ޝަންގްރިއްލާ އަށް މިހާރު ނޯޓިސް ދީފައިވާނެ ކަމަށެވެ. އަދި މިއަހަރުތެރޭގައި ޝަންގްރިއްލާ އަށް ހައްލެއް ހޯދޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެތަން މަރާމާތު ކުރަން ނަގާނެ ވަގުތު އެނގޭނީ އެތަނުގެ ހާލަތު ބެލުމަށްފަހު ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ މިއަހަރު ތެރޭގައި އަޅުގަނޑުމެންނަށް ޝަންގްރިއްލާ އަށް ހައްލެއް ހޯދި، ދެން އެތަނުގެ މަރާމާތު ކުރުމުގެ ކަންތައްތަކަށް ނަގާނެ ވަގުތު އެނގޭނީ އެ ބަލާލީމަ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ޝަންގްރިއްލާ ހުޅުވުމާއި އައްޑު އަށް ގަވާއިދުން ފްލައިޓުތަކެއް އަންނަ ގޮތް ހެދުމަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ ކަމެއް ކަމަށެވެ. އެގޮތުން އެކަން އޮތީ މަޝްވަރާ މަރުހަލާގައި ކަމަށާއި އެކަން ކުރެވިއްޖެ ނަމަ އެއީ ސަރުކާރަކަށް އައްޑު ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަންތައް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
މިކަމުގައި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރާނެ ކަމަށާއި ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ދެވޭ ލުއިތަކުގައި އައްޑު ވެސް ހިމެނޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެންނަން 25 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ފައިސަލް ވަނީ މިދިޔަ އަހަރުތެރޭ ވިދާޅުވެފަ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންދުކުރި ގޮތަށް އެ ރިސޯޓު މިހާތަނަށް ހުޅުވާފައެއް ނުވެ އެވެ.
ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ. ކުރީ ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފަ އެވެ.
ޝަންގްރިއްލާ ބަންކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވެ އެވެ.