އެމެރިކާގެ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ގެއްލުންވެފައިވާ ފަރާތްތަކަށް އެހީވާން އެ ގައުމުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ 2.5 މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
އޭނެ ފައިސާ ހަދިޔާކުރީ ހައިރާތަކަށް މަސައްކަތްކުރާ އަމިއްލަ ފައުންޑޭޝަން 'ބީގުޑް' ގެ ފަރާތުން ހުޅުވި އެލްއޭ ފަޔާ ރިލީފް ފަންޑަށެވެ. މި ވާހަކަ 'ބީގުޑް" އިން އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
އޭގައި ބުނީ ބިޔޯންސޭ ފަންޑަށް ހަދިޔާކުރި ފައިސާ ހޭދަކުރާނީ އަލިފާނުގައި އަލްޓަޑީނާ/ޕަސަޑީނާ ސަރަހައްދުން ގޯތިގެދޮރު ގެއްލުނު މީހުންނަށް އެހީވާން ކަމަށެވެެ.
މަޝްހޫރު ރެޕާ، ޖޭ-ޒީގެ އަންހެނުން ބިޔޯންސޭ އަކީ އެމެރިކާގެ ނުފޫޒު އެއް ލަވަކިޔުންތެރިޔާ އެވެ. އޭނަގެ "ބީގުޑް" ފައުންޑޭޝަން އުފެއްދީ 2013 އެވެ. ބިޔޯންސޭގެ މިލްކިއްޔާތު 760 މިލިއަން ޑޮލަރަށް އަރަ އެވެ.
ލޮސް އެންޖެލިސްގެ އަލިފާނުގައި ގެދޮރު ގެއްލުނު ބަޔަކަށް އެހީވާން ބިޔޯންސޭ ފައިސާ ހަދިޔާކުރި، މި އަލިފާނުގެ ހާދިސާގައި އެތައް ހާސް ގެއަކާއި އެތަކެއް އިމާރާތެއް ވަނީ އަނދައި އަޅިއަށްވެފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ރޯވި އަލިފާންފަނޑު ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އިރު، އެ ކޮންޓްރޯލް ކުރަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ، ގެއްލުންތައް ދަނީ އިތުރުވަމުންނެވެ.
އަލިފާނުގައި ގެދޮރު ގެއްލުނު މީހުންގެ ތެރޭގައި އެމެރިކާގެ ސެލެބްރިޓީންތަކެއް ވެސް ހިމެނެ އެވެ.
ސްކްރީން އެކްޓާސް ގިލްޑް އިން ވެސް އިއްޔެ ވަނީ އަލިފާނުގައި ގެއްލުންވި މެންބަރުންނަށް އެހީވާން އެއް މިލިއަން ޑޮލަރު ކަނޑައަޅައިފަ އެވެ.