Last Updated: February 5, 17:44
Wednesday, February 5, 2025
ޚަބަރު

ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެގޮތުން ހަވީރު 4:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ދުވަސްވަރެއްކަމުން ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވެ، މި މަހުގެ ތެރޭގައި ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާބެހޭ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިރުޝާދު ވެސް ދެމުންނެވެ.

މި މަހުގެ ތެރޭގައި މިހާތަނަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެ، ގެއްލުންތައްވެފައި ވަނީ ވެރިރަށް މާލެއަށެވެ. އެގޮތުން މި މަހުގެ 3 އާއި 4 ގައި ބޯކޮށް ވާރޭ ވެހި ފެންބޮޑު ލިބުނު ގެއްލުންތަކަކީ މިހާތަނަށް މާލެ އަށް ވިއްސާރައިގައި ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށްވާ ނެޝަނަލް ޑިޒާސްޓް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެ އެވެ.