Last Updated: January 15, 15:16
Wednesday, January 15, 2025
ދުނިޔެ

އީލޮން އަށް ޓިކްޓޮކް ވިއްކާލާ ވާހަކަ ދޮގުކޮށްފި

އެމެރިކާ އިން ޓިކްޓޮކް މަނާކުރަން މަސައްކަތް ކުރާތީ، އެ ޕްލެޓްފޯމް މަހުޖަނު އީލޮން މަސްކް އަށް ވިއްކައިލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

ޓިކްޓޮކަކީ ޗައިނާގެ ބައިޓްޑާންސުން ހިންގަމުން އަންނަ އެޕެކެވެ.

މި އެޕަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ވެސް ފާސްކޮށް، އެ ތަސްދީގު ވެސްކޮށް، ޓިކްޓިކް މަނާކުރަން ފަހުގެ މަރުހަލާ އަށް ތައްޔާރުވާތީ ޓިކްޓޮކް މަނާކުރަން ހުއްޓުވައި ދޭން އޮތީ އެމެރިކާގެ ސުޕްރީމް ކޯޓަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.

އެ ކޯޓުން އެކަމާ މެދު މި މަހުގެ 19 ވަނަ ދުވަހު ގޮތެއް ނިންމާނެ އެވެ.

އެހެންވެ ޓިކްޓޮކަށް މިހާރު އެމެރިކާގައި ސަލާމަތްވެވެން އޮތް ގޮތަކީ އެ ގައުމުގެ ސަރުކާރުން ޕްްރެޝަރުކުރާ ގޮތަށް އެމެރިކާގެ ބަޔަކަށް ޓިކްޓޮކް ވިއްކާލައިގެން ކަމަށް ބުނާތީ، މިހާރު އެ މުއާމަލާތް މަހުޖަނު އީލޮން މަސްކްއާ އެކީ ހިންގަން ޓިކްޓޮކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ޓިކްޓޮކުން ބުނީ އެއީ މިހާރު ހަދައިގެން ދައްކާ "ހުސް ހިޔާލީ ވާހަކައެއް" ކަމަށެވެ. އެހެންވެ އެފަދަ ވާހަކަތަކަށް ރަސްމީ ސިފައެއްގައި އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް ޓިކްޓޮކުން ބުންޏެވެ.

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަން އެއްވެސް ފަރާތަކަށް ވިއްކައި ނުލާނެ ކަމަށް ޓިކްޓޮކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އީލޮން އަށް ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންސް ވިއްކައިލަން އުޅޭ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރަމުންދާ އިރު، އޭނަ އަކީ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މިހާރު ވަރަށް އަރިސް ބޭފުޅެއްކަމެވެ. އަދި އީލޮން އަކީ 2022 ގައި ކުރީގެ ޓްވިޓާ 44 ބިލިއަން ޑޮލަރަށް ގަނެ، 2023 ގައި އެ ޕްލެޓްފޯމް އެކްސް އަށް ރިބްރޭންޑްކުރި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނެވެ.

ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ފަހުކޮޅުގައި ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލަން މަޖުބޫރުކޮށް، އެ ނޫން ގޮތަކަށް އެމެރިކާގައި ޓިކްޓޮކް އޮޕަރޭޓް ނުކުރޭވެނެ ކަމަށް ބުނެ އެތައް ބިރެއް ޓިކްޓޮކަށް ދެއްކި އެވެ. އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 170 މިލިއަނަށް ވުރެ ގިނަ އެވެ.

ޓްރަމްޕް ދެވަނަ ދައުރަކަށް އަލުން އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ މި މަހުގެ 20 ގަ އެވެ.