މީގެ ހަތް އަހަރު ކުރިން ޝާހްރުކް ޚާނާ އެކު ހަދަން ޕްލޭންކުރި "އިންސްޕެކްޓާ ގާލިބް" ހަދާނެ ކަމަށާއި އެއީ ހަދަން ވަރަށް ބޭނުންވާ ފިލްމެއް ކަމަށް ވެސް ޑައިރެކްޓަރު މަދޫރް ބަންޑާރްކަރް ބުނެފި އެވެ.
"ޗާންދުނީ ބާ" އާއި "ޕޭޖް 3" އަދި "ފެޝަން" ފަދަ މަގުބޫލު، މޮޅެތި ފިލްމުތައް ގެނެސްދީގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޑައިރެކްޓަރު ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ 2018 ގައި އިއުލާންކުރި ފިލްމު އެކިއެކި ސަބަބުތަކާ ހެދި ހުއްޓައިލަން ޖެހުނީ ކަމަށެވެ.
ނަމަވެސް އެ ފިލްމު ކޮންމެވެސް ދުވަހަކުން ހަދާނެ ކަމަށާއި "އިންސްޕެކްޓާ ގާލިބް" އަކީ ވަރަށް ޝައުގުވެރި ސްކްރިޕްޓެއް ކަމަށް ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ. މިއީ އުއްތަރު ޕްރަދޭޝްނެ ފުލަހަކަށް ބިނާކޮށްފައިވާ އެކްޝަން ޑްރާމާއެކެވެ. މަދޫރް ބުނި ގޮތުގައި އެ ފިލްމު ހަދާނެ ފުރުސަތު ނުލިބި ގިނަ ދުވަސްތަކެއްވެގެން ދިޔަ ނަމަވެސް އަލުން އެ ސްކްރިޕްޓްގެ ކަންތަކާ އުޅެމުން އަންނަ ކަމަށެވެ.
"އިންސްޕެކްޓާ ގާލިބް އަކީ ޔަގީނުން ވެސް އަހަރެން ހަދާނެ ފިލްމެއް. އެކަމަށް އެބަ މަސައްކަތްތަކެއް ކުރެވޭ،" މަދޫރް ބުންޏެވެ. "ކުރިން މި ފިލްމުގެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖައްސާލަން ޖެހުނީ ފިލްމު އިއުލާންކުރި ދުވަސްވަރާ ގާތްކޮށްފައި ކޮވިޑްގެ ބަލިމަޑުކަމާ ވެސް ކުރިމަތިލާން ޖެހުމާއި ފަހުން ޝާހްރުކާ އެކީ ކުރެވެމިން ދިޔަ މަޝްވަރާތައް ވެސް ހުއްޓުމަކަށް އައުން."
މި ފިލްމަކީ ޝާހްރުކަށް މިހާތަނަށް މަދޫރް އޮފާކުރި ހަމައެކަނި ފިލްމު ވެސް މެ އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގައި ތަމަންނާ ބާޓިއާއެކު ގެނެސްދިން "ބަބްލީ ބައުންސާ" އެވެ. މިދިޔަ އަހަރު މަދޫރް ވަނީ "ވައިވްސް އޮފް ބޮލީވުޑް" ކިޔާ ފިލްމެއް ހަދަން ވެސް އިއުލާންކޮށްފަ އެވެ.