Last Updated: January 14, 23:07
Wednesday, January 15, 2025
ޚަބަރު

ކަރަންޓު މައްސަލައަށް ހައްލެއް ހޯދަން މެމްބަރުން ފެނަކައަށް

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ހައްލެއް ހޯދަން، އައްޑޫގެ އެކި ދާއިރާތައް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފެނަކައިގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފެނަކައިން ބުނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ފޭދޫ އުތުުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާނު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ފެނަކަ އިން ބުނެ އެވެ.

ފެނަކަ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ސްޕެއާ ޕާޓްސް ލިބި، އެއް ޖެންސެޓުގެ މައްސަލަ މިއަދު ހައްލުވާނެ ކަމަށެވެ.

އަދި ސްޕެއާ ޕާޓްސް ލިބުނުހާ އަވަހަކަށް، ދެން ހުރި ޖެންސެޓުތައް ހައްލުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި މި މައްސަލަ ހައްލުވަންދެން ކަރަންޓު ލޯޑް ހިފެހެއްޓުމަށްޓަކައި، ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން، އެކުލަވާލެވޭ ތާވަލާއި އެއްގޮތަށް، ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މިކަމުގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ކަރަންޓުގެ ހިދުމަތް އާއްމު ހާލަތަކަށް ގެންނަން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފަ އެވެ.