Last Updated: January 14, 23:07
Wednesday, January 15, 2025
ޚަބަރު

މިދިޔަ އަހަރު 19 މިލިއަން ރުފިޔާގެ ތަކެތި ރިކަވާކޮށްދީފި

ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް ހުށަހެޅުނު އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުން 19.2 މިލިއަން ރުފިޔާއަށް ވުރެ ގިނަ ތަކެތި ރިކަވަރކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މާލެ ސިޓީ ޕޮލިހުގައި ހިމެނޭ މާލެ ފްރަންޓްލައިން ޕޮލިސިންގ، ތިލަމާލެ ޕޮލިސް އަދި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓު ބަހާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރު ޖުމްލަ 1653 އައިޓަމެއް ރިކަވަރކޮށްފައިވެ އެވެ. މިތަކެތީގެ ޖުމްލަ އަގު 19.2 މިލިއަން ރުފިޔާއަށްވުރެ ގިނަ އެވެ.

ރިކަވަރކޮށްފައިވާ ތަކެތީގެ ތެރޭގައި 206 މޯބައިލް ފޯނު (1.983،564.79 ރުފިޔާ)، 253 މޮޓޯ ސައިކަލް (11،489،400 ރުފިޔާ)، 107 އިލެކްޓްރޯނިކްސް އައިޓަމް (986،843.42 ރުފިޔާ) އާއި އެހެނިހެން ތަކެތީގެ ގޮތުގައި ޖުމްލަ 333 އައިޓަމް (551،206.62 ރުފިޔާ) އާއި 374 މައްސަލައެއްގައި ހިމެނޭ 3،582،837.11 ރުފިޔާގެ ނަގުދު ފައިސާ އަދި އެހެނިހެން 380 އައިޓަމް (615،813.56 ރުފިޔާ) ހިމެނެ އެވެ.

މީގެ އިތުރުން، ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް ވޮލިއުމް ކްރައިމްގެ ޖުމްލަ 5242 މައްސަލައެއް ހުށަހެޅިފައިވާކަމަށް ފުލުހުންގެ އިދާރައިން ވަނީ ހާމަކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ ވައްކަމުގެ 2،290 މައްސަލައާއި، އެކްސިޑެންޓުގެ 2،025، ފޭރުމުގެ 414، އަދި މަސްތުވާތަކެތީގެ 236 މައްސަލައާއި މާރާމާރީގެ 358 މައްސަލަ އެވެ.

އަދި ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހުން ކޮށްފައިވާ ތަހުގީގުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 9،154 މައްސަލައެއް ތަހުގީގުކޮށްފައިވާއިރު އޭގެތެރެއިން ކޭސްކޮށްގެން 7،157 މައްސަލައެއް ތަހުގީގުކޮށް، 6،645 މައްސަލައެއް ފައިލްކުރިއިރު، 64 މައްސަލަ ޕީޖީ އޮފީހަށް ވަނީ ފޮޮނުވާފައިވެ އެވެ. މި އިންސިޑެންޓުތަކުގައި ޖުމްލަ 1000 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އޭގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ 805 މީހަކު ކަމަށް ފުލުހުން ބުނެ އެވެ.