ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތައް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އަޒަރުބައިޖާންގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންނާއި ހިއްސާކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެކި ދާއިރާތަކުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އަޒަރުބައިޖާނުގެ ވަފުދުގެ ބޭފުޅުންނާއި ހިއްސާކުރަން އިންފޮމޭޝަން ފޯރަމެއް ބާއްވާފައިވާ ކަމަށެވެ.
އަޒަރުބައިޖާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މަމަދޯވް އިސްކޮށް ހުންނަވައިގެން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އަޒަރުބައިޖާން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުންނާއި، އަޒަރުބައިޖާންގެ އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީ (އަޒްޕްރޯމޯ)ގެ އިސްވެރިންނާއި އާއި ޕްރައިވެޓް ސެކްޓާގެ މަންދޫބުން ހިމެނިވަޑައިގަންނަވަ އެވެ.
މި އިންފޮމޭޝަން ފޯރަމްގައި އެކި މިނިސްޓްރީތަކާއި ސަރުކާރު ކުންފުނިތަކުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަންތައް ހުށަހަޅާފަ އެވެ. ވަފުދުގެ ބޭފުޅުންނަށް މައުލޫމާތު ދިން ދާއިރާތަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި، ތިމާވެށި، ބޯހިޔާވަހިކަމުގެ ދާއިރާ އާއި ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އޭވިއޭޝަން ދާއިރާ ހިމެނެ އެވެ.
މި ވަފުދުގެ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ އެކު ވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.