Last Updated: January 15, 15:03
Wednesday, January 15, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ފޭރު ހެއްދުން

ފޭރުގަހަކީ 15-20 ފޫޓުގެ އުސްމިނަށް ހެދޭ ކަފިގޮފި ގިނަ ގަހެކެވެ. ފޭރުން ތަފާތު ކާތަކެއްޗާއި، ޖޫސް ފަދަ ތަކެތި ތައްޔާރުކުރެވެއެވެ. މީގެ ތެރޭގައި ޖެލީ އާއި ޖޭމްވެސް ހިމެނެ އެވެ. އަދި ފޭރަކީ ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައެއް ބާވަތްތައް ހިމެނޭ މޭވާއެކެވެ.

އެގޮތުން ފޭރުގައި ޕްރޮޓީންސް، ފެޓްސް، ކާރބޯހައިޑްރޭޓްސް އަދި ފައިބަރ އަދި ގިނަ ޢަދަދަކަށް ވިޓަމިންސީ ހިމެނެ އެވެ. ފޭރުގައި އާދައިގެ ވަރަކަށް ވިޓަމިން އޭ، އަޔަން، ކެލްސިއަމް އަދި ފޮސްފަރަސް ހިމެނެ އެވެ.

މުޑުވައް ނެގުން:

މުޑުވައް ނަގާނީ ބަލިނުޖެހޭ ގަހަކުން ރަނގަޅަށް ދޮންވެފައިވާ ބައްޓަން ފުރިހަމަ ފޭރަކުންނެވެ. މުޑުވައް ނަގާއިރު އޮށް މަދު ފޭރަކުން އޮށްނެގުމުން ލިބޭމޭވާގެ އޮށް މަދުވާނެއެވެ. ފޭރުގެ ވައްތަރުތަކުގައި ހިމެނޭ ރަންގު ފޭރަށްވުރެން އާދައިގެ ފޭރުގައި އެކުލެވޭ ވިޓަމިންސް ގިނައެވެ. ރަނގަޅު ފޭރަކުން އޮށްތައް ނެގުމަށްފަ ހު ރަނގަޅަށް އޮށްތައް ދޮވެލާށެވެ.

އޮށްތައް ހިޔަލުގައި ބަހައްޓައިގެން ހިއްކާލުމަށްފަހު އަޅިކޮޅަކާ އެއްކޮށްފައި ވައިނުވަންނާނެހެން ބަންދުކޮށްފައި ބެހެއްޓުމުން ގިނަދުވަހު ހަލާކުނުވެ ހުންނާނެއެވެ.

މުޑުވައްކުރުން:

މުޑުވައް ކުރާނީ ބޭޑުގައި ނުވަތަ ފޮށިގަނޑެއް ފާޑުގެ އެއްޗެއްގަ އެވެ. ބެޑް ހަދާއިރު ނުވަތަ ފޮށިގަނޑަކަށް ވެލިއަޅާއިރު ކާދު އެއްކުރުން ރަނގަޅުވާނެއެވެ. އޮށްތައް އިންދުމުގެ އެއްދުވަސްކުރިން ފެންއެއްޗަކަށް އޮށްތައް އެޅުމުން ގަސްފެޅުން އަވަސްވާނެ އެވެ. އޮށްއިންދާނީ ހަތަރުބައިކުޅަ އެއްބައި އިންޗި ފުންމިނުގައި ދެބަރި ދޭތެރޭގައި 4 އިންޗި ހުންނަވަރަށެވެ.

ދެ އޮށް ދޭތެރޭގައި 3 އިންޗި ހުރުމުން ރަނގަޅުވާނެ އެވެ. އޮށް އިންދާތާ ގާތްގަނޑަކަށް 2-3 ހަފްތާގެ ތެރޭގައި ގަސް ފަޅާނެއެވެ. އޮށް އިންދާފައިވާ ތަން ގަދަ އަވިން ސަލާމަތްކުރުމަށްޓަކައި ހިޔާކޮށްލުން ރަނގަޅެވެ. ގަސްތައް ފަޅައިގެން 3-4 އިންޗިއަށް ހެދުމުން ގަސްތައް ނަގާ ކޮތަޅު ނުވަތަ ދަޅެއްފަދަ އެއްޗެއްގައި އިންދައިގެން ގަސްތައް ބޮޑުކުރާށެވެ.

ގަސްތައް ރުވުން:

ފޭރު އިންދަން ޚިޔާރު ކުރެވޭ ބިމަކީ ކަޅުފަސް ގިނައިން އެކުލެވޭ ވެލި ހިމުންނޫން ބޮޑެތި ގަލާއި މޫމަދު ތަނަކަށް ވާންޖެހެއެވެ. އަދި ރަނގަޅު ފެންހުރެފައި ބިންގަނޑު އެއްވަރު ތަނަކަށްވެސް ވާންވާނެ އެވެ. މަޑުވަތްކުރި ގަސްތައްރުވާނީ ½ 1 ފޫޓަށް ހެދުމުންނެވެ. ގަސްތައްރުވުމަށްޓަކައި ވަޅު ތައްޔާރު ކުރަންވާނެެއެވެ. މިގޮތަށް 2x2x2 ފޫޓުގެ ވަޅުގަނޑެއް ކޮނުމަށްފަހު ކާދު (ފަތް، ކަރުގޮހު، އަޅި) ފާޑުގެ އެއްޗެތި އަޅާ ފީވަންދެން ބަހައްޓާށެވެ. މިތަކެތި ގާތްގަނޑަކަށް 2 މަސްދުވަސް ނުވަތަ ދޮޅުމަސްދުވަހުގެ ތެރޭގައި ފީވާނެއެވެ.

މިއިން ކޮންމެ ދެ ވަޅުގަނޑެއްގެ ދުރުމިނުގައި ގާތްގަނޑަކަށް 15 ފޫޓް ހުރުމުން ރަނގަޅުވާނެއެވެ. ގަސްތައް ރުވުމަށްފަހު ދުވާލަކު ދެއިރު ފެންދޭންޖެހޭނެއެވެ.

ގަސްތައް ހޭހަންކުރުން:

ގަސްތައް އިންދާ ހެދެންފެށުމުން ފުރަތަމަ 6 މަސްވާންދެން ކޮންމެ މަހަކު އެއްފަހަރު ކާދު އަޅަންވާނެއެވެ. އެއަށްފަހު އަހަރަކު ދެފަހަރު ކާދު އެޅުމުން ރަނގަޅުވާނެއެވެ. ގަސްފޯދި މޭވާ އަޅަންވުމުން ކާދު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެއީ މޭވާއަޅާ ދުވަސްވަރު ގަހަށް އިތުރުކާނާ ބޭނުން ވާނެތީ އެވެ. ފޭރުގަސް އާންމު ގޮތެއްގައި ފޯދޭނީ އިންދާތާ 3-4 އަހަރުންނެވެ.

ގަހުގައި މޭވާއަޅާ އޭގެ މޫސުން ދިއުމުން މޭވާއެޅި ކުރިތައް ކޮށާލުން ރަނގަޅެވެ. މިގޮތައް ހެދުމުން ގަސްޅަވެ ދެ މޫސުމުގައި މޭވާ އަޅަ އެވެ.

ބަލި އަދި ފަރުވާ:

ފޭރުގަހަކީ ޢާންމުކޮށް ބަލި ނުޖެހޭ ގަހެކެވެ. ނަމަވެސް މީލީބަގްސް، ތްރިޕްސް، ސްކޭލް އިންސެކްޓް، ހުދުކޫޑި އަދި އުދުހޭ ހުދުކޫޑި ފަދަ ފަނިފަކުސަ އަޅައެވެ. މިފަދަ ބައެއް ފަނިފަކުސަ އެޅުމާގުޅިގެން ސޫޓީ މޯލްޑް (ކަޅުކޫޑި) އަޅާ ގޮތްވެ އެވެ. މިފަދަ ފަނިފަކުސަ ކޮންޓްރޯލް ކުރުމަށް އިންސެކްޓިސައިޑެއް ސްޕްރޭ ކުރާށެވެ.

މައުލޫމާތު: ދަނޑުވެރިޔާ.ގަވް،އެމްވީ