ފަށައިގަތުން
ނާސިރުގެ ވެރިކަމުގައި އައްޑޫ ރައްޔިތުން ކުރާން ޖެހުނު ހިތްދަތި
ތަޖުރިބާގެ ވާހަކަ ވަކި ބާބެއްގެ ގޮތުގައި ލިޔެ ޝާއިއު ކުރެވިއްޖެއެވެ.
މައުމޫނުގެ ފުރަތަމަ ދިހަޔަކާއި މެދުދިހަޔަކާއި ފަހުދިހައެއްގެ މައްޗަށް
އެކުލެވިގެންވީ ދިގު ވެރިކަމުގައި ކަންތައް ހިގައި ދިޔަ ގޮތުގެ ވާހަކަ
ވެސް އެހެން ބާބެއްގައި ގެނެސްދެވިއްޖެއެވެ. އެހިސާބުން ނިންމައިލެވިދާނެ
ބާވައެވެ.
ނޫނެކެވެ. ރައީސް ނަޝީދުގެ ކުރު އެހެނަސް ހާދިސާތަކުން ފުރިގެންވީ
ވެރިކަމުގައި އައްޑޫ މީހުންނާއި ރާއްޖޭގެ އެނޫންވެސް ހިސާބުތަކުގެ
މީހުންނަށް ކަޅާއި ހުދުން ފެނުނު މަންޒަރުތަކާއި ކުލަ މަންޒަރުތަކުގެ
ވާހަކައިގެ މައްޗަށް އެކުލެވިގެންވާ ބާބެއް ނުލިޔާކަމަށް ވެއްޖެނަމަ
މައުޒޫއަށް އިންސާފު ކުރެވުނު ކަމަކަށް ނުވާނެއެވެ.
އެހެންވީމާ މިބައިގައި ލިޔާނީ ރައީސް ނަޝީދުގެ ބާބެވެ. ކުރީގައި ލިޔެވުނު
ދެ ބާބަށްވުރެ މި ބާބު ދިގުވީމާ ބާބު ގެނެސްދޭނީ ހަތަރު ބަޔަކަށް
ބަހާލައިގެންނެވެ. މިކަން ކުރަން ފަށާއިރު މިއީ އާދައިގެ ކަމެއް ނޫންކަން
އެނގެއެވެ. ނަޝީދަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އެއީ އައްޑޫ ރައްޔިތުންގެ
ތެރެއިން އެންމެ ގިނަބަޔަކު އެބޭފުޅެއްގެ ޖާދޫގައި ޖެހިފައިވާ ލީޑަރެވެ.
ނަޝީދަށް ސަނާ ކިޔުމުގެ ގޮތުން ނޫން އެހެން ގޮތަކަށް ލިޔެވޭ ކޮންމެ
އެއްޗެއް އެއީ ދޮގާއި އިލްޒާމު ކަމަށް ވާނެއެވެ. އެފަދަ ލިޔުމެއް
ލިޔާމީހަކު ހުރީ ހަމައިގައިތޯ ސުވާލުވެސް ކުރާނެއެވެ.
އައްޑޫގައި މިފެންވަރަށް ނަޝީދަށް ތާއީދުކުރުން އޮތުމުގައި ސަބަބުތަކެއް
އެބަހުއްޓެވެ. އެސަބަބުތައް ކުރީގެ ދެ ރައީސުންނާ ކޮންމެވެސް ވަރަކަށް
ގުޅެއެވެ. އަދި ނަޝީދުގެ ކިބައިގައިވާ ހާލަތުގެ އެޑްވާންޓޭޖު
ނެންގެވުމުގެ ކުޅަދާނަކަމަކީވެސް ސަބަބެކެވެ. ނަޝީދުގެ ވެރިކަމުގައި
އައްޑޫއަށް ކޮށްދެއްވި ކަންކަން އެހެރަ ފެންނަނީއެވެ. ފެންވަރުގެ
ކޮންވެންޝަން ސެންޓަރެއް އަޅުއްވައިފިއެވެ. މަގުތައް ހައްދަވައިފިއެވެ.
ބަނދަރުތައް ހައްދަވައިފިއެވެ. ސާކު ސަމިޓުވެސް އައްޑޫގައި
ބާއްވަވައިފިއެވެ. ދުނިޔޭގެ ޗާޓުން އައްޑޫއަށް ޖާގަ ހޯއްދަވައި
ދެއްވައިފިއެވެ.
މަތީގައި ބަޔާން ކުރެވުނު ތަންތަން ފެންނާން އެބަހުއްޓެވެ. އެކަމަކު
ދެމެހެއްޓެނިވި ތަރައްގީއާ އެކަންކަން ގުޅެނީ ކިހާވަރަކަށް ބާވައެވެ.
ކޮންވެންޝަން ސެންޓަރަކީ ދެމެހެއްޓެނިވި ތަނެއް ބާވައެވެ. ކޮންމެ
ކޮމިއުނިޓީއެއްގެ ފުރާނައަކީ އެތަނެއްގެ އިގްތިސާދު ކަމަށްވާއިރު
މިއޭރިޔާގައި ދެމެހެއްޓެނިވި ކަމަކަށް ނަޝީދު ކޮށްދެއްވީ ކޮންކަމެއް
ބާވައެވެ. މިއީ ކުރެވިދާނެ ސުވާލުތަކެވެ.
ނަޝީދުގެ ވެރިކަމުގައި ހެރެތެރެ ރިސޯޓަށް އެރި ލޮޅުންތަކާއި އެކަންކަން
ހައްލު ނުކުރެވި ދިޔުމަކީ އިގްތިސާދީ އޭރިއާއަށް ނަޝީދުގެ މާބޮޑު ފޯކަސް
އެއް ނެތްކަން ދޭހަވާ ކަމެކޭ ބުނެވިދާނެއެވެ. ހާސަރުތައް މާދިގެއް
ނުކުރާނަމެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.
ނަޝީދުގެ ސެލްފް ޕްރޮމޯޝަނާއި ސްޓަންޓުތައް
ރައީސް ނަޝީދަކީ ރިކޯޑް ގާއިމް ކުރައްވަން އުޅުއްވި ބޭފުޅެކެވެ. ކުރައްވާ
ކޮންމެކަމަކީ ތަމްސީލެކެވެ. ހެވަކަށް ކުރެއްވިއަސް އަދި ނުބަޔަކަށް
ކުރެއްވިޔަސް އެކަމަކުން ނެންގެވެން އޮތް އެންމެ ބޮޑު އަމިއްލަ ފައިދާ
ނަންގަވައެވެ. ގިނަކަންކަން ރާއްވަވަނީ ނަޝީދުގެ މޮޅުކަމާއި އާދަޔާ
ޚިލާފުކަން އިޝްތިހާރުކޮށް ރާއެްޖެއަށާއި މުޅި ދުނިޔެއަށް ދެއްކެވުމުގެ
ނިޔަތުގައެވެ. އެކަމަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ
ފައިދާއަކަށްވުރެ ބޮޑަށް ބެލިފައި އޮންނަނީ ނަޝީދު އިޝްތިހާރުވާނެ
މިންވަރެއްގެ ކުޑަ ބޮޑުމިނަށެވެ. މިސަބަބަށްޓަކައި ރާއްޖެ ދުށް އެންމެ
ކުޅަދާނަ ޝޯވްމަން އަކީ ނަޝީދޭ ބުނެވިދާނެއެވެ. ތިރީގައި ބަޔާން މިކުރަނީ
ނަޝީދުގެ ފާހަގަކުރެވޭ ޝޯވްތަކުގެ ތެރެއިން ހަތް ޝޯވްއެއްގެ
ޚުލާސާއެކެވެ.
1- ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލި ދިވެހިރާއްޖޭގެ ރަށްތައް
ފެނުގެ އަޑިއަށް ހިގައިދާނެތީ އެކަމުގެ ބިރުވެރި ވާހަކައިން ދުނިޔެއަށް
ޚަބަރު ކުރުމުގެ ނަމުގައި ނަޝީދުގެ ފުރަތަމަ ސްޓަންޓަކީ ކެބިނެޓުގެ
ބައްދަލުވުމެއް މޫދުގެ އަޑީގައި ބޭއްވެވުމެވެ. ވަޒީރުންގެ ތެރެއިން
ޑައިވިން ފުޅި އަޅައިގެން ފީނުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ ހުރިހާ
ވަޒީރުން ގޮވައިގެން މާލެއަތޮޅު ގިރިފުށީގެ ކައިރީގައި މޫދު އަޑީގައި
ކެބިނެޓުގެ ބައްދަލުވުމެއް ނަޝީދު ބޭއްވެވީ 2009 އޮކްޓޫބަރުގައެވެ.
މި ބައްދަލުވުމުގެ ސަބަބުން މުޅި ދުނިޔޭގައި ނަޝީދު ވަރަށް ބޮޑަށް
މަޝްހޫރުވެގެން ދިޔައެވެ. ކެރޭ ޒުވާން ލީޑަރެއްގެ ގޮތުގައި ލޭބަލް
ކުރެވުނެވެ. ދުނިޔޭގައި ފުރަތަމަ ފަހަރަށް މޫދު އަޑީގައި ކެބިނެޓު
ބައްދަލުވުމެއް ބޭއްވެވި ފަހުލަވާނުގެ ލަގަބް ލިބިވަޑައިގަތެވެ. އެކަމުގެ
ސަބަބުން ރާއްޖެއަށް ކުރީ ފައިދާއެއް ބާވައެވެ. ރާއްޖެއަކީ ކަނޑުގެ
އަޑިއަށް ފެތެމުންދާ ތަނެއްކަމުގެ މެސެޖު ލިބުމުގެ ސަބަބުން ޓޫރިސްޓުން
ރާއްޖެއާ ދޭތެރޭ ޖެހިލުންވެ ޖެހިގެން އައި ދެ އަހަރު އޭގެ ނޭދެވޭ އަސަރު
ރާއްޖޭގެ ޓޫރިޒަމަށް ފޯރުމަކީ ފައިދާއެއް ކަމަށް ވަންޏާ އެއޮތީ
ފައިދާއެވެ. ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވެފައި ތިބި
އިންވެސްޓަރުންނަށް ރާއްޖެއަކީ މުސްތަގުބަލެއް ނެތްތަނެއްކަން ވިސްނި
އިންވެސްޓުކުރަން ޖެހިލުންވެގެން ތިބެން ޖެހުމަކީ ފައިދާއެއް ކަމަށް
ވަންޏާ އެއޮތީ ފައިދާއެކެވެ.
2- އައިލެންޑް ޕްރެޒިޑެންޓުގެ ނަމުގައި ދައުލަތުގެ ބަޖެޓުން
ޚަރަދުކޮށްގެން ބޭރު މީހުން ލައްވައި ފިލްމު ކުޅުވައި ފޮތް ނެރެ
ތަނބިކަށި ފޮރުވޭ ފެނަށް ކޯޓު ފަޓުލޫނުގައި ފައިބައި ފޮޓޯ ނަންގުވައި
ޕޯސްޓަރު ހެދުމަކީވެސް ނަޝީދުގެ ސެލްފް ޕްރޮމޯޝަނުގެ ތެރެއިން އައި
ސްޓަންޓެކެވެ. މީގެ ސަބަބުންވެސް ދުނިޔޭގައި ނަޝީދު އިތުރަށް
މަޝްހޫރުވިއެވެ. އެކަމަކު ރާއްޖެއަށް ކުރީ ގެއްލުމެވެ. އެހެނީ ރާއްޖޭގައި
ހުރި އިންވެސްޓުމަންޓުގެ ފުރުސަތުތައް ހާމަކުރަން ރާއްޖޭގެ ވަޒީރުން
ބޭރުގެ ފޯރަމްތަކަށް ވަޑައިގަތީމާ ބޭރު މީހުން ދައްކަނީ ނަޝީދު ތަނބިކަށި
ފޮރުވޭ ފެނުގައި މޫދުގައި ހުންނެވި ފޮޓޯއެވެ. ބުނަނީ މިހިރީ ކަލޭމެންގެ
ރައީސް ހުންނެވި ހާލުކޮޅެވެ. ކަލޭމެންގެ ގައުމަކީ ދާދި އަވަހަށް ދުނިޔޭގެ
މޫނުމަތިން ފުހެވިގެން ގެއްލިގެން ހިގައިދާނެ ގައުމެކެވެ.
3- ރައްޔިތުންނާއި ކައިރިއަށް ރައްޔިތުންގެ ތެރެއަށް ކެބިނެޓު ގެނައުމުގެ
ބަހަނާގައި އައްޑޫ ހިތަދޫ މުހިއްބުއްދީން ސްކޫލުގައި 2011 މާޗް ބާރަވަނަ
ދުވަހު ކޮމިއުނިޓީ ކެބިނެޓުގެ ނަމުގައި ބޭއްވި ކެބިނެޓު
ބައްދަލުވުމަކީވެސް މިޒާތުގެ ސްޓަންޓެކެވެ. ރައީސް އޮފީހުގެ މުޅި
ސެކްރެޓޭރިއަޓާއި ހުރިހާ ވަޒީރުން އައްޑޫއަށް އުފުލުމާއި އެއާ ގުޅޭ
އެނޫންވެސް ދަތުރުފަތުރަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދު
ކުރިއިރު މި ބައްދަލުވުމުގައި ކޮމިއުނިޓީ ތަމްސީލު ވުމެއްނެތެވެ.
ކުރެވުނީ ޚަރަދެކެވެ. އިޝްތިހާރެކެވެ. ރައްޔިތުންގެ ރައީސާއި
ރައްޔިތުންގެ ވަޒީރުން ރައްޔިތުންގެ ކައިރިއަށް ކެބިނެޓު ބާއްވަން
ވަޑައިގަތީއޭ ބުނުން ފިޔަވައި ލިބުނު ހިތްހަމަޖެހުމެއް ނެތެވެ.
4- ރައީސް ނަޝީދު ވަރަށް ގިނައިން އައްޑޫއަށް ވަޑައިގަތެވެ. ވިލާތު
މީހުން ބައިސިކަލް ދުއްވާ ބީދައިން ބައިސިކަލް ދުއްވުމުގެ ގޮތްގަޑު
ނަޝީދު ތައާރަފް ކުރެއްވީ މިދަތުރުތަކުގައެވެ. އައްޑޫ ހައިވޭގައި ނަޝީދު
ބައިސިކަލް ދުއްވަވާތީ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް
އޮންނަނީ ބައިވެރިވެގެން ބައިސިކަލް ދުއްވުމެވެ. ވިލާތުގެ ލީޑަރުން
ހޮލިޑޭއަށް ތަންތަނަށް ވަޑައިގެންފައި ބައިސިކަލް ދުއްވުމަކީ ވަރަށް
ކުރައްވާ ކަމެކެވެ. މިހެންވެ ދިވެހިރާއްޖެ ސައްތައިން ސައްތަ ކާބަން
ނިއުޓްރަލް ގައުމަކަށް ހައްދަވަނީއޭ ވިދާޅުވެފައި މި ބައިސިކަލެއް
ނަޝީދާއި އެމަނިކުފާނުގެ އެހީތެރިން ދުއްވަވަނީ އައްޑޫ ހައިވޭގައި
މަޖަލަކަށެވެ.
މިކަން ރަސްމީ ކުރެއްވުމަށް ނަޝީދު ކުރެއްވިކަމަކީ މީގެފަހުން ރާއްޖޭގެ
ފުލުހުން ޕެޓްރޯލް ކުރާނީ ބައިސިކަލުގައޭ ވިދާޅުވެ ފުލުހުންގެ ބޭނުމަށް
ޚާއްސަ ވައްތަރެއްގެ އެތައް ސަތޭކަ ބައިސިކަލެއް ގެންނެވީއެވެ. މިކަން
ތައާރަފު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ދުއްވި ދުއްވުމެއް ފިޔަވައި
އެހެން ދުއްވުމެއް ފުލުހުން ނުދުއްވައެވެ. ބައިސިކަލުތައްވެސް
އެހުރިތަނެއްގައި ހުރެގެން ނެތި ހަލާކުވެގެންދިޔައީއެވެ. ބައިތުލްމާލުން
އަނެއްކާވެސް ބޭކާރުގޮތުގައި ބޮޑު ޚަރަދެއް ކުރެވުނީއެވެ. މިކަމުން
ކާބަން ނިއުޓްރަލް ކުރެވުނު ކަމަށް ވަނީ ވިއްޔާ އެއޮތީ ކާބަން ނިއުޓްރަލް
ކުރެވިފައެވެ. މި ސްޓަންޓުންވެސް ބޭރު ދުނިޔޭގައި ތިމާވެށީގެ ހީރޯއެއްގެ
ގޮތުގައި ނަޝީދު ލޭބަލް ކުރެވުނެވެ.
5- ތެޔޮ އަންދައިގެން ކަރަންޓު ހޯދުމުގެ ބަދަލުގައި އިރުގެ އަވިން ހަކަތަ
އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ ނަމުގައި ކުޅުނު ތަމްސީލަކީ ވެސް
ނަޝީދުގެ ސްޓަންޓު ސިލްސިލާގެ ތެރެއިން ބޮޅެކެވެ. މުލީއާގޭ ފުރާޅު
މައްޗަށް ނަޝީދު އަމިއްލަފުޅަށް އަރާވަޑައިގެން ފުރާޅުގައި ހައެއްކަ
ސޯލަރ ޕެނަލް ހަރުކުރައްވައި ދޭސީ އަދި ބިދޭސީ މީޑިއާ ގެންނަވައި ނަޝީދު
ވިދާޅުވީ މި ޕެނަލްތަކުން މުލީއާގެއަށް ބޭނުންވާ ވަރަށް ވުރެ
މާބޮޑަށްވެސް އިތުރަށް ހަކަތަ އުފެއްދޭނެ ކަމަށާއި އިތުރުވާ ހަކަތަ
ސްޓެލްކޯއަށް ވިއްކަވައިގެން މުލީއާގޭގެ ޚަރަދު އަމިއްލައަށް
ޖެނެރޭޓުކުރެވޭނެ ކަމަށެވެ. މިކަމަށް ވަރަށް އަވަހަށް ކުންފުންޏެއްވެސް
އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. މިކަމެއް 2010ގެ
އޮކްޓޫބަރުގައި ނަޝީދު ކުރެއްވީމާ ބިދޭސީ މީޑިއާގައި ލިޔުނީ ނަޝީދަކީ
ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ޗެމްޕިއަން ކަމުގައެވެ.
6- ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަގުލަބިއްޔަތު ނެތުމާއި ކުރަން
ބޭނުންވާ ކަންކަން އެމަގުން ކުރެވޭގޮތް ނުވީމާ ކުޅުއްވި ތަމްސީލަކީ ވެސް
މި ސިލްސިލާގައި ހިމަނަން ޖެހޭ ބައެކެވެ. ނަޝީދު ވިދާޅުވެގެން މުޅި
ކެބިނެޓު އެއްފަހަރާ 2010 ގެ ޖޫން 29 ގައި އިސްތިއުފާ ދިނުމަކީ
ހަގީގަތުގައިވެސް ވަރަށް ބޮޑު ތަމްސީލެކެވެ. ސްޓަންޓެކެވެ. އެ ސްޓަންޓުގެ
މަގްސަދަކީ ރައްޔިތުންގެ މަޖިލީހަށް ބިރުދެއްކުމާއި ކެބިނެޓުން
ބޭރުކުރަން ބޭނުންވާ މީހުން އޮޅުވާލުމެއްގެ ތެރެއިން ބޭރު ކުރުމާއި
ނާއިބު ރައީސް ޑރ ވަހީދުވެސް ބޭރު ކުރުމެވެ. މި ތިން ކަންތަކުގެ ތެރެއިން
ނާއިބު ރައީސް ބޭރު ކުރުމާއި ރައްޔިތުންގެ މަޖިލީސް ކުޑަކަކޫ މައްޗަށް
ތިރިކުރުން ހާސިލެއް ނުވިއެވެ. ޑރ ވަހީދަށް ރައީސް ނަޝީދަކީ ކާކުކަން
އެގިވަޑައިގަންނަވައެވެ. އެހެންވީމާ ޑރ ވަހީދު ވިދާޅުވީ އެންމެ ފުރަތަމަ
މަނިކުފާނު އިސްތިއުފާ ދެއްވާށެވެ. ތިމަން އިސްތިއުފާ ދޭނީ އޭގެ
ފަހުންނެވެ.
7- މިއީ މިބައިގައި ބަޔާންކުރާ އެންމެ ފަހުގެ ސްޓަންޓު ކަމަށްވިޔަސް މިއީ
ނަޝީދުގެ އެންމެ ފަހުގެ ސްޓަންޓެއް ނޫނެވެ. އަދިވެސް މިފަދަ ކިތަންމެ
ސްޓަންޓެއް އެބަހުއްޓެވެ. އައްޑު އަތޮޅަށް ސިޓީއެއްގެ ދަރަޖަ 2011
ޖެނުއަރީގައި ދިނުމަކީ ބައެއްގެ ލޮލުގައި އަނދުން އެޅުވުމުގެ ނިޔަތުގައި
ކުޅެފައިވާ ޑްރާމާއެކެވެ. ސިޓީއެއްގެ ދަރަޖައަށް ކޮލިފައިވުމުގެ
ކްރައިޓީރިއާތަކެއް ނަޝީދު އަމިއްލަފުޅަށް ހެއްދެވީ އައްޑޫއަށް
ސިޓީއެއްގެ ނަން ދެއްވުމުގެ ގޮތުންނެވެ. ސިޓީއެއްގައި އެންމެ ކުޑަމިނުން
ހުންނަން ޖެހޭ އަސާސީ ސިފަތަކެއްވެސް ނެތް އަތޮޅަކަށް ސިޓީއެއްގެ ދަރަޖަ
ދެއްވީ ކަރުދާހުގައި މާލެ އާއި އައްޑޫ އެއްވަރު ކުރުމުގެ ގޮތުންނެވެ.
އޭރުން އައްޑޫ މީހުންގެ ހިތްތައް ފުރި ބަންޑުންވެ ހަގީގީ ތަރައްގީ
ނުފެނުނަސް ނަމަކުން ސިޓީއެއްގައި ދިރިއުޅުމުގެ ހިތްހަމަޖެހުން
ލިބުނީކަމަށް ނަޝީދު ދެކެވަޑައިގެންނެވިއެވެ.
ސިޓީއެއްގެ ދަރަޖަ ލިބުނެއްކަމަކު ޔުޓލިޓީސްތަކެއް ގާއިމެއް
ނުކުރެވެއެވެ. ތިން ހަތަރު ރަށެއް ފާލަމުން ގުޅުވާލައިފައި އޮތުމަކީ
ސިޓީއަކަށްވުމުގެ ޝަރުތުކަމަށް ވަނީ ވިއްޔާ އެޝަރުތު ފުރިހަމަވެއެވެ.
އެކަމަކު މިސިޓީއެއް ހެދުމަކުން ރާއްޖޭގެ އެހެން އަތޮޅުތަކާއި އައްޑު
އަތޮޅު ތަބައީގޮތުން ތަފާތެއް ނުވެއެވެ. އިދާރީގޮތުން އޮޅުން ބޮޅުންވެ
ރައްޔިތުންގެ ދިރިއުޅުން އިތުރަށް އުނދަގޫވުން ފިޔަވައި އެހެން
ނަތީޖާއެއްވެސް ނުނެރެވެއެވެ. ސިޓީއެއް ހަދާފައި ނަޝީދުގެ ފަހަތްޕުޅުގައި
ދުވާ މީހުންނަށް އެސިޓީ ހިންގުން ހަވާލުކުރިއިރު އެމީހުންގެ ކިބައިގައި
އަތޮޅެއް ރަށެއް ހިންގުމުގެ އިދާރީ ހުނަރެއް ތަޖުރިބާއެއް ނެތެވެ.
އެކަމަކުވެސް ސިޓީއަކަށްވީތީ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ.
(ނުނިމޭ)