Last Updated: January 14, 23:07
Wednesday, January 15, 2025
މުނިފޫހިފިލުވުން

އަނެއްކާ ވެސް "ސިރުފް ތުމް" ކިޔާ ފިލްމެއް

ބޮލީވުޑުން އަނެއްކާ ވެސް "ސިރުފް ތުމް" ކިޔާ ފިލްމެއް ހަދަން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.

މި ފިލްމަކީ މަޝްހޫރު ކޮރިއޮގްރާފަރު ގަނޭޝް އަޗާރިއާ ޕްރޮޑިއުސްކޮށް، ދީޕަކް ޝިވްދަސާނީ ލިޔެ، ޑައިރެކްޓްކުރާ ލޯބީގެ ފިލްމެކެވެ. ދީޕަކް އަކީ ގޯވިންދާގެ "ދާދާގިރީ" އާއި ސަލްމާން ޚާންގެ "ބާގީ" ގެ އިތުރުން އަޖޭ ދޭވްގަންގެ "ޔޭ ރާސްތޭ ހޭ ޕިޔާރު ކޭ" ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "ޖޫލީ 2" އެވެ.

އަންނަ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފަށާ "ސިރުފް ތުމް" ގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާގަ އެވެ. ނަމަވެސް މީގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މިއަދު ފިލްމުގެ ފަސްޓް-ލުކް ޕޯސްޓަރު ދައްކައިލި އިރު 1999 ގެ ފިލްމު "ސިރުފް ތުމް" ގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރަށް ހާއްސަ ޝުކުރެއް އަދާކޮށްފައިވެ އެވެ. އެއީ އެ ޓައިޓްލްގައި ފިލްމު ހަދަން ހުއްދަ ދީފައިވާތީ އެވެ. އަގާތިއަން ޑައިރެކްޓްކުރި "ސިރުފް ތުމް" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. އޭގެ ލީޑް ރޯލު ކުޅުނީ ބޯނީގެ ކޮއްކޮ ސަންޖޭ ކަޕޫރާއި ސުޝްމިތާގެ އިތުރުން ޕްރިޔާ ގިލް އެވެ.

"ސިރުފް ތުމް" އަކީ މަޝްހޫރު ލަވަ "ދިލްބަރު" ވެސް ހިމެނޭ ފިލްމެވެ.