Last Updated: January 15, 15:16
Wednesday, January 15, 2025
ޚަބަރު

އެސްޓޯނިއާއާއެކު ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

އެސްޓޯނިއާގެ މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުން މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު އެކިއެކި މަޢުލޫމާތާއި ޢިލްމު ހިއްސާކުރެއްވުމަށެވެ.

އެސްޓޯނިއާގެ ހެލްތު މިނިސްޓަރ ވަނީ އެ ބައްދަލުވުމުގެ ތެރެއިން އެ ޤައުމުގެ ރައްޔިތުންނަށް ލިބެމުންދާ މުހިންމު ފައިދާތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚިދުމަތް ހޯދުމަށް ފަސޭހަވެފައިވާއިރު، އެކަމުގެ ސަބަބުން ޞިއްޙީ ދާއިރާގެ އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ހޯދެމުންދާ ހައްލުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެސްޓޯނިއާގެ ތަޖުރިބާއާއި ތަންފީޒުކޮށްފައިވާ ކާމިޔާބު އުކުޅުތަކުން ޢިބްރަތް ޙާޞިލުކުރައްވައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އަދި ވަކިވަކިން ދުރުގައި ހުންނަ ރަށްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، އެއް ހަމައެއްގައި މަތީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ހުރި ފަރަގުތައް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ނައްތާލެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ވަނީ އެސްޓޯނިއާއާއި ރާއްޖެއިން ޞިއްޙީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް އުއްމީދު އާކުރައްވާފަ އެވެ.