Last Updated: January 15, 15:16
Wednesday, January 15, 2025
ޚަބަރު

ޓެކްނޮލޮޖީގެ ތެރެއިން ދިވެހިން ބާރުވެރިކުރަން ބޭނުން

ޓެކްނޮލޮޖީގެ ތެރެއިން ދިވެހިން ބާރުވެރި ބަޔަކަށް ހަދަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެޤައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ބޭއްވި ރައުންޑްޓޭބަލް މަޝްވަރާތަކުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ގެންގުޅޭ ޑިޖިޓަލް ރާއްޖޭގެ ތަޞައްވުރަކީ، އެންމެންނަށް ވެސް ބޭނުންހިފެނިވި، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަޞައްވުރެއް ކަމަށެވެ.

އެގޮތުން ޢަމާޒަކީ އެންމެ ފުރަތަމަ އިޚްތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ޚިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރެއްވުން ކަމަށާއި، މިފަދައިން ކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ސަމާލުކަންދެނިވި މޭރުމަކުން ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު ކޮންމެ ދިވެއްސަކީ، އެ މީހަކު އެ އިރެއްގައި ހުރި ތަނެއް އިސްތިސްނާވުމެއް ނެތި، ޓެކްނޮލޮޖީގެ ތެރެއިން ބާރުވެރި ކުރެވިފައިވާ ރައްޔިތަކަށް ހެދުން ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޓޮނިއާގެ ރައީސް، ޑރ. އަލާރް ކަރިސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ކުރިއެރުންތައް ހޯދުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، އީޖާދުތަކަށް މަގުފަހިކުރުމުގެ މޭރުމުން ރާއްޖެއާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ހިތްވަރުދެއްވި އެވެ. އަދި މިހާރަށްވުރެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން އީޖާދީ ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެސްޓޯނިއާގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލްގެ މެންބަރުން ވަނީ އުމްރާނީ ވަޞީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލް ތަރައްޤީގެ މުހިންމު ދާއިރާތައް ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ. އަދި އީޖާދުތަކަށް މަގުފަހިކުރުމަށް ސްޓެމް އެޑިއުކޭޝަނާއި ލޮޖިކަލް ތިންކިން އަކީ ޅަ ޢުމުރުން ފެށިގެންވެސް އުނގަންނައިދިނުން މުހިންމު ކަންތައްތަކެއްކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އެފަރާތްތަކުގެ ތަޖުރިބާ ޙިއްސާކޮށްދެއްވާ، ޚިދުމަތްތައް އަލުން ފަރުމާކުރުމާއެކު އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުގުވެރިކަން، ކައުންސިލުގެ މެންބަރުން ފާޅުކުރެއްވި އެވެ.