Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

އައްޑޫން ކަރަންޓު މައްސަލަ 48 ގަޑިއިރުތެރޭ ހައްލުވާނެ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔާޑް) މުޙައްމަދު ނަޖާޙް

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ 48 ގަޑިއިރުތެރޭ ހައްލުވާނެ ކަމަށް، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔާޑް) މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުންދާއިރު، ރޭ "އެމްއެމްޓީވީ"ގައި ވާހަކަދައްކަމުން ނަޖާހު ވިދާޅުވީ އައްޑޫން ކަރަންޓް ކެނޑެނީ ފަސް ޖެނެރޭޓަރެއް ހުއްޓުމަކަށް އައުމުން ކަމަށާއި، ސްޓެލްކޯގެ އެހީތެރިކަމާއެކު ސްޕެއާ ޕާޓްސް ލިބި އެއް ޖެނެރޭޓަރު މިއަދު ހެނދުނު އަލުން ބޭނުން ކުރަން ފަށާނެ ކަމަށެވެ.

"48 ގަޑިއިރުގެ ތެރޭގައި ދެވަނަ ޖެންސެޓެއް އަޅުގަނޑުމެން ސިސްޓަމަށް ގެންނާނަން. އެ ހިސާބުން އަޅުގަނޑު ގަބޫލުކުރަނީ ކަރަންޓު ނުކެނޑި އަޅުގަނޑުމެންނަށް ހިދުމަތް ދެވޭނެއޭ،" ނަޖާހު ވިދާޅުވި އެވެ.

ނަޖާހު ވިދާޅުވީ އައްޑޫ އަކީ އާބާދީ ބޮޑު ތަނަކަށް ވެފައި، ކުރިއަށް އޮތް ރޯދަ މަހު ކަރަންޓުގެ ލޯޑު މަތިވާނެތީ، އިތުރު ދެ ޖެނެރޭޓަރެއްގެ ސްޕެއާ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ތަނުގައި އައްޑޫން އެއްގޮތަކަށް ވެސް ކަރަންޓު ނުކެނޑި ހިދުމަތް ދިނުން ކަމަށްވެސް ވިދާޅުވި އެވެ.

އައްޑޫން ކަރަންޓު ކެނޑޭ މައްސަލައާ ގުޅިގެން، އައްޑޫގެ އެކި ދާއިރާތައް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފެނަކައިގެ އިސްވެރިންނާ އިއްޔެ ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.