Last Updated: January 15, 15:16
Wednesday, January 15, 2025
ޚަބަރު

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެހީވާން އެސްޓޯނިއާގެ ޝައުގު

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން މަޤްޞަދުތައް ޙާޞިލުކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް، އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް ތޮނީސް ސާރް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވި ބައްދަލުވުމުގައި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ވަނީ އެކި ދާއިރާތަކުން ޑިޖިޓަލް ސިސްޓަމްތައް ތަންފީޒު ކުރުމުގައި އެސްޓޯނިއާ އިން ކުރި ތަޖުރިބާތަކާއި ކުރިމަތިލި ގޮންޖެހުންތަކުގެ އިތުރުން، ވެރިކަން ހިންގުމާއި އާންމު ދިރިއުޅުމަށް އެކަންކަމުން ކުރުވި އަސަރުތައް ޙިއްސާކުރައްވާފަ އެވެ.

އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން މަޤްޞަދުތައް ޙާޞިލުކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ގޮތުން ބާރުވެރި ޤައުމަކަށް ރާއްޖެ ހެއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙިއްޞާކުރައްވާ، ޢާންމު ޚިދުމަތުގައި ޑިޖިޓަލައިޒޭޝަނަށް އިސްކަންދިނުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ.

ޑިޖިޓަލައިޒް ވުމަށް އެސްޓޯނިއާއިން އަދާކުރަމުންދާ އިސްދައުރަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ކަމެއްކަން ފާހަގަކުރައްވާ، އެކަމަށްޓަކައި އެ ޤައުމަށް ރައީސް ތައުފީފު ކުރެއްވި އެވެ. އަދި އެސްޓޯނިއާއިން ގެންގުޅޭ އީޖާދީ ވިސްނުންތައް ބިނާވެފައިވަނީ، ދެފުށް ފެންނަ، ނަތީޖާ ނެރެވޭ، އިތުބާރުހުރި މިންގަނޑުތަކެއްގެ މަތީގަައި ކަމަށާއި ރާއްޖޭގެ އީ-ގަވަރނަންސް އާއި އައިސީޓީ އިންފްރާސްޓްރަކްޗާ ހަރުދަނާކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުން ހިއްޕެވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

މީގެ އިތުރުން، ސައިބާ ސެކިއުރިޓީ އާއި ޑިޖިޓަލް ލިޓްރަސީ ކުރިއެރުވުމާއި، ލޯކަލް ގަވާމެންޓްތަކުގެ ޑިޖިޓަލް ޤާބިލުކަން ހަރުދަނާކޮށް، ފެތުރިފައިވާ އާބާދީއަކަށް ޢާންމު ޚިދްމަތް ފޯރުކޮށްދިނުން އިތުރުކުރުން ފަދަ ކަންކަން، ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއް ހަމަ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސް އަލިއަޅުވައިލެއްވި އެވެ.