Last Updated: January 15, 15:16
Wednesday, January 15, 2025
މުނިފޫހިފިލުވުން

ރަޖްނީކާންތުގެ 'ޖެއިލާ 2' ގެ ޓީޒާއެއް

ދެހާސް ތޭވީހުގައި ގެނެސްދިން ރަޖްނީކާންތުގެ ކާމިޔާބު ފިލްމު "ޖެއިލާ" ގެ ދެވަނަ ބައި ރަސްމީކޮށް އިއުލާންކޮށް، އޭގެ ޓީޒާއެއް ދައްކާލައިފި އެވެ.

އެ ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ފިލްމުގެ ދެވަނަ ބައެއް ހަދާނެކަން ކުރިން ވެސް އޮތީ އިއުލާންކޮށްފަ އެވެ.

"ޖެއިލާ 2" ގެ ޓީޒާ ދައްކާލައި ބުނީ ފިލްމުގެ ޝޫޓިން ވަަރަށް އަވަހަށް ފަށާނެ ކަމަށެވެ. ނަމަވެސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް ހާމައެއް ނުކުރެ އެވެ.

"ޖެއިލާ 2" ވެސް ޑައިރެކްޓް ކުރާނީ އޮގަސްޓް 10، 2023 ގައި ގެނެސްދިން "ޖެއިލާ" ލިޔެ، ޑައިރެކްޓްކުރި ނެލްސަން ދިލިޕްކުމާރެވެ.

މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާގެ ނެށުންތަކެއް ފެނިގެން ދިޔަ އަދި ވަރަށް ބޮޑަށް ޓްރެންޑްވި ލަވައެއް ކަމަށްވާ "ކާވާލާ" ހިމެނޭ "ޖެއިލާ" އަކީ 220 ކްރޯޑް ރުޕީސް (25.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދިން އެކްޝަން ކޮމެޑީއެކެވެ. ބޮކްސް އޮފީހުގައި 650 ކްރޯޑް ރުޕީސް (75.1 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމުގެ ކާސްޓްގައި ރާމިއާ ކްރިޝްނަން، ވިނާޔަކަން، ވަސަންތު ރަވީ، ޔޯގީ ބާބޫ އަދި މޯހަންލާލު ހިމެނެ އެވެ.

ރަޖްނީ، 74، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ގެނެސްދިން އެކްޝަން ޑްރާމާ "ވެއްޓައިޔަން" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އެކްޝަން ތުރިލާ "ކޫލީ" އިންނެވެ. ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭ މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.