މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ރާއްޖެއަށް ލައްގަމުން ދިޔައީ
މާވަހަރެވެ. އެއީ މާވަހަރު މޫސުމެވެ. އެ މޫސުމުގައި ގިނައިން
ލައްގަމުންދިޔައީ މާވަހަރުގެ ތެރެއިންވެސް އެންމެ ވަސްމީރު އެންމެ
އަގުބޮޑު ވައްތަރު ކަމުގައިވާ ހުދު މާވަހަރެވެ. ގޮނޑު ދޮށަށް ފޭބުމުގެ
ހިތްވަރާއި ޝައުގު ހުރި ހަމަ ކޮންމެ މީހަކު ދިޔައީ މިލިއަނަރަކަށް
ވަމުންނެވެ. ފަޅުން ބޭރުވެއްޖެ ކޮންމެ އުޅަނދެއް ރަށަށް ލަފަނީ
ހުދުމާވަހަރުގެ ހަންދަރުތަކާއި އެކުގައެވެ. އާސޯޚުވާ މީހުން ތިބީ
އާސޯޚުވެފައެވެ. އާޚިރުގައި ކަންވެ ނިމުނުއިރު އެހުރިހާ މާވަހަރެއް
ވެގެންދިޔައީ ޖަނަވާރުގެ ނަޖިހާއި ސަރުބީކަމުގައެވެ.
މާވަހަރުގެ ހަގީގަތަކީ ކޮބައިކަން ރޭކާލުމާއެކު އެމޫސުން ނިމިއްޖެއެވެ.
އެފަހުން މާވަހަރެއް ނުފެނެއެވެ. ނުވަތަ މާވަހަރު ހޯދާކަށްވެސް ބަޔަކު
ނޫޅެއެވެ. ދުވަސްތަކެއް ފާއިތުވެގެން ދިއުމަށްފަހު ދެން ފެންނާން ފެށީ
ކިނބުލެވެ. އައްޑުއަތޮޅުން ފެށިގެން ބޮޑު ތިލަދުންމައްޗާ ދެމެދު އެންމެ
ގިނަ އެއްޗަކަށް ފެންނަން ފެށީ ކިނބުލެވެ. އެއީ ކިނބޫ މޫސުމެވެ.
ކިނބުލަކީ ބޮޑު އަގުގައި ބާޒާރުގައި ވިކޭ އެއްޗަކަށް ނުވާތީ
މުއްސަނދިވުމުގެ ނިޔަތުގައި ކިނބޫ ހިފާކަށް ބަޔަކު ނޫޅެއެވެ. އެކަމަކު
މަޝްހޫރުކަން ހޯދުމާއި ތީސްމާރުޚާނު ކަމުގައި ވުމަށް ބައެއް މީހުން ކިނބޫ
ޝިކާރަ ކުރަން އުޅުނުކަމަށް ނޫސްތަކުގައި ލިޔެފައިވާތީ ދުށީމެވެ.
އެވަރަށް ކިނބޫ ފެނުނުއިރުވެސް ޝިކާރަކޮށްލެވުނީ ދޭއްޗެކެވެ.
ކިނބޫ މޫސުން ނިމި މެދަށް ހުސް ދުވަސްކޮޅެއް ދިއުމަށްފަހު މިހާރު
އަނެއްކާވެސް އާ މޫސުމެއް ވަނީ ފެށިފައެވެ. މިހާރު ފެށިގެން އުޅެނީ އަދި
މިހާތަނަށް ދުވަހަކުވެސް އައިސްފައި ނުވާކަހަލަ މޫސުމެކެވެ. އެއީ
މަތިންދާބޯޓު މޫސުމެވެ. ބޮޑަށް ބެލެވެނީ މަތިންދާބޯޓު މޫސުމަކީ މުޅި
އިންޑިޔާ ކަނޑުގެ ހުރިހާ ޖަޒީރާއަކަށް އައިސްގެން އުޅޭ މޫސުމެއް
ކަމަށެވެ. މިހެން ހީވާން ޖެހުނީ ގޮނޑުދޮށަށް ފުޅަނގި ލައްގާ އުސޫލުން
ރިޔުނިއަންއޭ ކިޔުނު ޖަޒީރާއަކަށް މަތިންދާބޯޓު ފަހަރުގެ ބައިތައް
ލައްގާން ފެށުމުންނެވެ. އޭގެ ފަހުން މޮރިޝަސް، ކޮމޯރޯސް، މަޔޯޓާ،
މަޑަގަސްކަރަ އަދި ސީޝެލްސްގެ ގޮނޑު ދޮށްތަކުގައި ވެސް ވަނީ
އަތްފުނާއަޅަން ފަށައިފައެވެ. އެކަމަކު ރިޔުނިއަން ނޫންތަނަކުން އެޒާތުގެ
އެއްޗެއް އަދި ނުފެނެއެވެ.
ރިޔުނިއަނަށް ފަހު މަތިންދާބޯޓު މޫސުމުގެ އަސަރު ދެން އެންމެ އަވަހަށް
ފޯރީ ދިވެހިރާއްޖެއަށެވެ. ރާއްޖެއަކީ އެ މޫސުމެއްގައި ލައްގާ އެއްޗެއް
ނޫން އެހެން އެއްޗެއް ލެއްގުން އަމްދުން ނޯންނަ ތަނަކަށް ވެފައި އަދި
ލައްގާ އެއްޗެއްވެސް ވަކި ސުމާރެއް ނެތި ލައްގާ ތަނަކަށްވާތީ
މިމޫސުމުގައި ރާއްޖެއަށް މަތިންދާބޯޓު ފަހަރާއި އޭގެ ބައިތައް ލައްގަމުން
ދަނީ ތިޔަހެނަކުންނޫނެވެ. ދުނިޔޭގައި އިހަށާއި ފަހަށް އުފެއްދި ހުރިހާ
ބޯޓެއް އިންޑިޔާ ކަނޑަށް އަޅައިލީއޭ ވެސް ހީވާ ދަރަޖައަށް އެތަކެތި
ރާއްޖޭގެ ގޮނޑުދޮށްތަކުން ފެންނަން ފަށައިފިއެވެ. އެންމެ ފުރަތަމަ މާލެ
އަތޮޅު ވައްބިންފަރުންނެވެ. ދެން ގޮއިފުޅަ ފެހެންދޫ އާއި މިލަދުންމަޑުލު
ދެކުނު ބުރީގެ ރަށްތަކާއި އިހަވަންދިއްޕޮޅުގެ ރަށްތަކުންވެސް
ފެނިއްޖެއެވެ. ފާއިތުވާ ކޮންމެ ދުވަހަކީ މިލިސްޓަށް ރަށެއް ނުވަތަ
ރަށްތަކެއް އިތުރުވެގެންދާ ދުވަހެކެވެ.
ފާއިތުވި ތަނުގެ ތާރީޚަށް ބަލާއިރު އަދި ރާއްޖެއަށް ތަކެތި ލެއްގުމުގެ
ރިކޯޑަށް ބަލާއިރު މިކަހަލަ މޫސުން މޫސުން ގެނެސްގަތުމާއި ނުގެނައުމުގެ
ފުރިހަމަ ކޮންޓްރޯލް ދިވެހިންނަށް ލިބިގެންވާ ކަމަށް ބެލެވެއެވެ. އަދި
ސަރުކާރަށް ވެސް މިކަމުގައި ދައުރެއް އަދާކުރުމުގެ ފުރުސަތު އޮންނަ
ކަމަށް ފެނެއެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކޮންމެވެސް
ބަޔަކު އިންޑިޔާ ކަނޑުގެ ތެރެއަށް ދޫކޮށްލި މައިން (ބޮން) ތަކުގެ
ތެރެއިން އެއްޗެއް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލަށް ލެއްގިއެވެ.
އެކަމަކު ބޮމުގެ މޫސުމެއް ނާދެއެވެ. ކުޑަރިކިލާއި ހަމައިން އެކަން އޮތީ
ނިމިފައެވެ.
ގޮނޑުދޮށަށް ލައްގާ ތަކެތި ނައްތާލުމުގެ އާ އުސޫލެއް މިޒަމާނުގައި
ހެދިފައި އޮންނަ ވާހަކަ އަޑުއިވެއެވެ. އެއީ ތިލަފުށްޓަށް ގެންގޮސް
އަންދައިލުމެވެ. ހަމަގައިމުވެސް ވައްބިންފަރަށް ލެއްގި މަތިންދާބޯޓު ވަނީ
މި އުސޫލުގެ ދަށުން ތިލަފުށްޓަށް ގޮސް އަންދައިލައިފައެވެ. އެރަށުގެ
ވެރިފަރާތުން ބުނީ ހުރިހާ ކަމެއް ގެންދިޔައީ މި އުސޫލުގެ ތެރެއިން
ކަމުގައެވެ. ތަންކޮޅެއް ކުރީ ޒަމާނުގައިވެސް އުސޫލެއް އޮތެވެ. އެއީ
ގޮނޑުދޮށަށް ލައްގާ ތަކެތި ހާވައި ބަލައި އެތަކެތި ގޭދޮށަށް ގެންގޮސް
މުދަލަށް ހެދުމެވެ. ގޭދޮށަށް ނުގެންދެވޭ ކަހަލަ ބޭކާރު އެއްޗެއްނަމަ އެ
އެއްޗެއް ގޮނޑު ދޮށުގައި ވަގުތުން ނައްތާލަނީއެވެ. ކުޑަރިކިލަށް ލެއްގި
ބޮމާ ދޭތެރޭ ވެސް ކަންކުރެވުނީ މި އުސޫލުންނެވެ. އެރަށުގެ ކުދިވެރިންނަށް
އެއީ ކޯޗެއްކަން ނޭގި އެއަށް ގާއުކައި ދަނޑިން ތަޅައި އުޅެނިކޮށް
ކުއްލިއަކަށް ގޮވައިފިއެވެ. ބޮން ނެތިގެންދިޔައީ ރަށު ރައްޔިތުންގެ
ތެރޭންވެސް އެތައް ބައެއްގެ ފުރާނަޔާއެކުގައެވެ.
ކުޑަރިކިލުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން ބޮމުގެ މޫސުމެއް ފައިދާ
ނުވިއެވެ. އެކަހަލަ އެއްޗެއްހެން ހީވިޔަސް އެ އެއްޗެއް ކަނޑު ބޭރުކޮށް
ފޮނުވައިލައެވެ. އެހެންވީމާ ދެން މޫސުމެކޭ ކިޔާނެ ޖާގައެއް
ނޯންނާނެތާއެވެ. އެހާދިސާއަށް ފަހު ސަރުކާރުން އަވަސް އަވަހަށް އާ
އުސޫލެއް އަނެއްކާވެސް އިއުލާންކޮށްފިއެވެ. އެ އުސޫލަކީ ގޮތްނޭގޭ
އެއްޗެއް ގޮނޑު ދޮށުން ފެނުނަސް އެ އެއްޗަކާއި ކައިރިވުން މަނާކުރުމާއި
އަތޮޅުވެރިޔާގެ ހާޒިރުގައި ނޫނީ ރަށުތެރެއަށް އެރުވުން މަނާ ކުރުމެވެ. މި
އުސޫލުގެ ދަށުން ކަނޑުން ލަގުވާ ތަކެއްޗާއި ދިވެހިން ކައިރިއެއް
ނުވެއެވެ. ކައިރިވެއްޖެނަމަ ހިމަރޯނުން ބަނދެފައި އަށިގޭގައި ބޭއްވުން
ފަދަ ހަރުކަށި އަދަބު ދެވެއެވެ. މި އުސޫލު ތައާރަފް ކުރިފަހުން ވަރަށް
ފަހަކާ ޖެހެންދެން ރާއްޖެއަށް ތަކެތި ލެއްގުން އޮތީ މުޅިން ހުއްޓިފައެވެ.