ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވި މުވައްޒަފުންގެ އަގު ސްޓެލްކޯއިން ވަޒަންކޮށްފި އެވެ.
ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯގެ މުވައްޒަފެއްގެ ބޮލުގައި ރެންޗަކުން ޖަހައި ވަނީ ބޯ ފަޅާލާފަ އެވެ. މިކަމުގައި ތުހުމަތު ކުރެވޭ މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ސްޓެލްކޯ އިން ބުނީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ" އަރުވާފައިވާ ކަމަށާއި އަދި އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށް ހަނދާނީ ލިއުމެއް އަރުވާފައިވާ ކަމަށެވެ.
އެ މުވައްޒަފުންގެ އަގުވަޒަން ކުރީ ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް ސްޓެލްކޯ އިން ވަނީ އަރުވާފަ އެވެ.