Last Updated: April 19, 21:11
Saturday, April 19, 2025
ރިޕޯޓް

ރަލާއި މަސްތުވާތަކެތީގެ ނުބައިކަން

މާތްﷲ ސުބުހާނަހޫ ވަތަޢާލާ ވަހީކުރައްވަނީ މިފަދައިންނެވެ.

(يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ) (1)

މާނައިގެ ތަރުޖަމާއީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ރަލާއި ޖުވާއާއި ނަސީބު ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ނަޖިސް ކަންކަންކަމުގައި މެނުވީ ނުވެއެވެ. ފަހެ ތިޔަބައިމީހުން އެކަންކަމުން ދުރުވެގަންނާށެވެ. އެއީ ތިޔަބައިމީހުންނަކީ ކާމިޔާބު ލިބިގެންވާ މީހުންކަމުގައި ވޭތޯއެވެ.”

އަދިވެސް އެއިލާހު ސުބުޙާނަހޫ ވަޙީކުރައްވާފައިވެއެވެ.

(إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ فَهَلْ أَنتُم مُّنتَهُونَ ) (2)

މާނައިގެ ތަރުޖަމާއީ: “ޝައިތާނާ ބޭނުންވަނީ ރަލާއި ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފައްދައި އަދި اللَّهހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުން ދުރުކުރުވުން ކަމުގައި މެނުވީ ނުވެއެވެ. ފަހެ ތިޔަބައިމީހުން (މި ނުބައި ކަންކަމުން) ދުރުވެ ނުގަންނާނަމުހެއްޔެވެ؟”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވާފައިވެއެވެ.

(لَا يَشْرَبُ الْخَمْرَ رَجُلٌ مِنْ أُمَّتِي فَيَقْبَلُ اللَّهُ مِنْهُ صَلَاةً أَرْبَعِينَ يَوْمًا ( (3)

މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހަކު ރާބޮއެފިކަމުގައި ވާނަމަ ސާޅީސް ދުވަސްވަންދެން އޭނާކުރާ ނަމާދު ޤަބޫލުނުކުރައްވާ ހުއްޓެވެ”

ނަމަވެސް ޢިލްމުވެރިން ވިދާޅުވަނީ ރާބުއިމަށްފަހުވެސް ތައުބާވެ ނަމާދުކުރަންޖެހޭނެއެވެ. ނަމާދުޤަބޫލު ނުކުރައްވާނެ ކަމަށް އޮތީމައި ނަމާދު ދޫކުރުން ހުއްދަނުވާނެއެވެ. ސަބަބަކީ ބައެއް ޙަދީޘްތަކުން އެނގޭގޮތުގައި ނަމާދުދޫކުރުމަކީ ދީނުން ބޭރުވެދާފަދަ ކަމެކެވެ. އެފަދައިން ތައުބާވާ މީހެއްގެ އޮތީ ނަމާދުކުރުމެވެ. އަދި ތައުބާ ނުވިކަމުގައިވިޔަސް ނަމާދު ދޫކުރުން ހުއްދަނުވާނެއެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

“أَتَانِي جِبْرِيلُ فَقَالَ : يَا مُحَمَّدُ إِنَّ اللَّهَ لَعَنَ الْخَمْرَ ، وَعَاصِرَهَا ، وَمُعْتَصِرَهَا ، وَشَارِبَهَا ، وَحَامِلَهَا ، وَالْمَحْمُولَةَ إِلَيْهِ ، وَبَايِعَهَا ، وَسَاقِيَهَا ، وَمُسْقِيَهَا ” .(4)

މާނައީ: ތިމަންކަލޭގެފާނުގެ އަރިހަށް ޖިބުރީލު ޢަލައިހިއްސަލާމް ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. އޭ މުޙައްމަދެވެ (صلى الله عليه وسلم). ހަމަކަށަވަރުން ރަލަށާއި ރާ ތައްޔާރުކުރާ މީހާއަށާއި، ރާ ތައްޔާރުކުރަން އެދޭ މީހާއަށާއި އެބޯމީހާއަށާއި އެއުފުލައިދޭ މީހާއަށާއި އެމީހަކަށްއެރާ އުފުލޭމީހާއަށާއި ، ރާ ވިއްކާމީހާއަށާ އަދި އެބޯންދޭމީހާއަށާއި އަދި ބޯންދެވޭ މީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ލަޢުނަތްލެއްވިއެވެ.”

ދުޢާއަކީ މިފަދަ ނުބައި ޢަމަލުތަކުން ސަލާމަތްވުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ލެއްވުމެވެ. އަދި ހެޔޮލަފާ ޞާލިޙު މުސްލިމުންގެ ގޮތުގައި މަރުވުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެނަށް ދެއްވުމެވެ.

وصلى الله وسلم على محمد وآله وأصحابه أجمعين. آمين

މަސްދަރު: ދިސަލަފިއްޔާ