Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

އައްޑޫގައި ޔޫޓިލިޓީ ހިދުމަތްދޭން ކުންފުންޏެއް ހަދަން އެދެނީ

އައްޑޫ ސިޓީގައި ޔޫޓިލިޓީސް ހިދުމަތްދޭން ކުންފުންޏެއް ހަދަން ސަރުކާރަށް ހުށަހެޅުމަށް، އައްޑޫ ކައުންސިލުން ފާސްކޮށްފި އެވެ.

އައްޑޫ ކައުންސިލުން މިއަދު ބޭއްވި ރަސްމީ ޖަލްސާ އަށް މި ހުށަހެޅުން ހުށަހެޅުއްވީ މޭޔަރު އަލީ ނިޒާރު އެވެ.

ނިޒާރުގެ ހުށަހެޅުމުގައި ވަނީ އައްޑޫގައި ދެވޭ ހިދުމަތްތަކުން ފެނަކައިން މިވަގުތު ވެސް ގާތްގަނޑަކަށް 25-30 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ހޯދަމުންދާ ކަމަށާއި ނަމަވެސް މި ފައިސާ ބޭނުންކޮށްގެން އެކަށީގެންވާ ގޮތަކަށް އައްޑޫގައި ފެނަކައިންދޭ ހިދުމަތްތަކަށް ތަރައްގީ ގެނެވިފައި ނުވުމަކީ އައްޑޫ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދެން އޮތް ގޮތަކީ މި ހިދުމަތްތައް ލާމަރުކަޒުކޮށްގެން ކަމަށް ގަބޫލުކުރެވޭ ކަމަށާއި، އެގޮތުން އައްޑޫގައި ޔޫޓިލިޓީސް ހިދުމަތް ދިނުމަށް ވަކި ކުންފުންޏެއް ހެދުމަށް ސަރުކާރަށް ހުށަހެޅުމަށް ނިޒާރުގެ ހުށަހެޅުމުގައިވެ އެވެ.

މި ކުންފުނި ހިންގުމުގައި އައްޑޫ ކައުންސިލްގެ ހިއްސާ ހިމެނުމާއި ރައްޔިތުންގެ ފަރާތުން ކުންފުނީގެ ބޯޑުގައި ތަމްސީލުވާނެ ގޮތެއް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމަށް ވެސް ހުށަހެޅުމުގައި ވަނީ ހިމަނާފަ އެވެ.

މި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި 8 ކައުންސިލަރުންގެ ތާއީދާއެކު އެވެ.

މިފަދަ ހުށަހެޅުމެއް މޭޔަރު ނިޒާރު ހުށަހަޅާފައިވާއިރު، އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.

މި މައްސަލަ ދިމާވީ ފަސް ޖެނެރޭޓަރެއް ހުއްޓުމަކަށް އައުމުން ކަމަށްވާއިރު، ކުރިއަށް އޮތް 48 ގަޑިއިރުތެރޭ މި މައްސަލަ ހައްލުވާނެ ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ.