އައްޑޫގައި ގާއިމުކޮށްފައިވާ ނުރައްކާތެރި ކެމިކަލްތަކާއި ކުނި ރައްކާކުރާ ވަގުތީ މަރުކަޒުގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި އެވެ.
މި ތަމްރީނުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޖުމްލަ 46 އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އައްޑޫ ޕޮލިސް ކޮލެޖްގަ އެވެ.
މި މަހުގެ 14 އާއި 15 އަށް ބޭއްވި މި ތަމްރީނުގެ މަޤްޞަދަކީ ނުރައްކާތެރި ކުނި އެއްކުރުމާއި، އުފުލުމާއި އަދި ރައްކާކުރުމުގައި ގެންގުޅެން ޖެހޭ ރައްކާތެރި އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން ނުރައްކާތެރި ކުންޏާ ގުޅޭ މަސައްކަތްތައް ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން ބައިވެރިންނަށް އެސްއޯޕީގެ އުސޫލުތަކަށް އަހުލުވެރިވެ، އެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރުމަށް މަގުފަހިވެގެން ދާނެކަމުގެ އުންމީދު ވެސް އޮތް ކަމަށް މިނިސްޓްރީން ބުންޏެވެ.