އައްޑޫ ހިތަދޫ ބަނދަރުމަތީގައި ފެރީ ޓާމިިނަލެއް ހަދަން ނިންމާފައިވާތީ އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
އެތަނުން ބުނީ އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 23 އާ ހަމައަށެވެ.
ރަޖިސްޓްރީވާނީ އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރާއި އީ-މެއިލް މި މެއިލަށް finance@adducity.gov.mv ފޮނުވައިގެންނެވެ. އަދި ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ. ކައުންސިލުން ބުނީ ފެރީ ޓާމިނަލްގެ މަސައްކަތަށް ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 11،000ރ. ވެސް ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަސް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 26 ވަނަ ދުވަހު ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
ހިތަދޫގައި ފެރީ ޓާމިނަލެއް ހަދަން ބީލަމަށް ހުޅުވާލި އިރު، އެ އަވަށުގައި ފެރީ ޓާމިނަލެއް ހެދުމާ ގުޅޭ ގޮތުން މިދިޔަ މަހުގެ ތެރޭގައި ކައުންސިލުން ޓްރާންސްޕޯޓް މިނިސްޓްރީއާ ވެސް މަޝްވަރާކޮށްފައިވެ އެވެ.
ހިތަދޫގައި ފެރީ ޓާމިނަލެއް ނެތުމުން އެކަމުގެ ދަތިކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރެ އެވެ.