ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް އެފްއޭއެމް) ގެ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ދައުވާތަކެއް އުފުލާފައި ވަނިކޮށް އޭނަގެ ވަކީލުން ދިފާއޯ ވަކީލުކަން ދޫކޮށްލައިފި އެވެ.
ފީފާއިން އެފްއޭމަށް ފޮނުވި ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ބައްސާމަށް ފުރަތަމަ އުފުލީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. އެ ދައުވާތަކުގެ އެ އަޑުއެހުންތަކަށް ފުރަތަމަ އައްޔަންކުރި ގާނޫނީ ވަކީލު އެ މައްސަލައިން ތަނާޒުލްވެފަައ ވަނިކޮށް، ދެވަނަ ވަކީލުން ވެސް މިހާރު ވަނީ މައްސަލަ އިން ބޭރުވެވަޑައިގެންފައެވެ.
ބައްސާމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާ އިރު، ކްރިމިނަލް ކޯޓުން ނިންމާފައި ހުރިހާ ދައުވާތަކެއްގެ ޝަރީއަތް އެކީގައި ކުރިއަށް ގެންދާށެވެ.
އެގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބައްސާމް ފަހުން އައްޔަންކުރި ވަކީލު ވެސް މައްސަލައިން ތަނާޒުލްވެފައިވާ ކަމަށް ސިޓީއަކުން ކޯޓަށް އަންގާފައިވާ ކަމަށެވެ.
އެހެންވެ ވަކީލަކު އައްޔަނުކުރުމަށް އިތުރު ފުރުސަތެއް ބޭނުންވޭތޯ ގާޒީ ބައްސާމުއާ ސުވާލުކުރައްވާފައިވެ އެވެ.
އޭނަ ވިދާޅުވީ ޝަރީއަތް ކުރިއަށްގެންދަން ބޭނުން ވަނީ ވަކީލަކާ އެކީގައި ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ ވަކީލަކު އައްޔަނުކުރަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، މި މަހުގެ 30 ވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
އެ އަޑުއެހުމާ ހަމައަށް ވަކީލަކު އައްޔަން ނުކުރެވޭނެ ނަމަ، ދައުވާތަކަށް އަމިއްލައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް ވަނީ އަމީން އެވެނިއުއިން ދެ ފުލެޓެއް އެފްއޭއެމްގެ ފައިސާ އަށް ގަނެފަ އެވެ. އެގޮތުން އެފްއޭއެމްގެ ފައިސާއިން 3،084،000ރ. ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.