Last Updated: April 19, 23:09
Saturday, April 19, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ފިޔާ ހެއްދުން

ފިޔަ އަކީ އަހަރެމެންގެ ކެއުންބުއިން އެއާއި ނުލައި ފުރިހަމަ ނުވާނެ ތަރުކާރީއެކެވެ. ކޮންމެ އަހަރެއްގެ ރޯދަ އާއި ދިމާކޮށް ގިނަ އަދަދެއްގެ ފިޔާ ރާއްޖެއިން ބޭރުން އެތެރެ ކުރަން ޖެހެ އެވެ.

އިހުގައި، ދަނޑުވެރިކަން ކުރުމުގެ ފަންނީ ގިނަ މަޢުލޫމާތުތަކެއް ލިބެންނެތް ޒަމާނުގައި ވެސް ރާއްޖޭގައި ކޮންމެވެސް ވަރަކަށް ފިޔާ ހައްދާ ބޭނުން ކުރިކަން އެނގެން އެބަ އޮތެވެ. އެހެންކަމުން މިހާރު ދަނޑުވެރިކަން ކުރުމުގެ ތަފާތު ވަސީލަތްތައް ފަސޭހައިން ލިބެން އޮތް އިރު، ރާއްޖޭގައި ފިޔާ ހެއްދި ދާނެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ ފިޔާ ހެއްދި ދާނެ ގޮތަކަށެވެ.

ފިޔާ އިންދުން:

ފިޔާ އިންދުމުގެ ކުރިން ބަލިން ރައްކާތެރި ކުރުމަށްޓަކައި އިންދުމަށް ތައްޔާރުކޮށްފައި ހުރި ފިޔާތަށް ފަންގިސައިޑް އެއްކޮއްފައި ހުންނަފެނަށް އެޅުމަށް ފަހު 5 މިނެޓްވަންދެން ބަހައްޓާށެވެ. ފިޔާ އިންދަންވުމުން ފިޔާގެ މަތީ ކުރިން ތަންކޮޅެއް އުތުވާލާށެވެ. އޭރުން ފަސޭހައިން ފަޅާނެ އެވެ. ބެޑުގައި ފިޔާ އިންދާނީ ދެބަރި ދޭތެރޭ 6 އިންޗި ދެފިޔާ ދޭތެރޭގައި 3 އިންޗި ހުންނަވަރަށެވެ. ފިޔާތަށް އިންދާފައި ބަހައްޓަން ޖެހޭނީ އިންދާފައި ހުން ނައިރު ވެލިގަނޑުގެ މަތިން ހަމަ ކިރިޔާ ފިޔާގެ ކުރި ފެންނަ ވަރަށެވެ.

ފިޔާ ރަގަޅަށް ހެއްދިއްޖެ ނަމަ އިންދާތާ 90 ދުވަހުގެ ތެރޭގައި ފިޔާ ފައިބާނެ އެވެ.

ފިޔާ އިންދުމަށްފަހު ރަނގަޅަށްފެންދީ ބަލަހައްޓަން ޖެހޭނެ އެވެ. އިންދުމަށް ފަހު ރުކުފަން ނުވަތަ ހިކިހުއި ފަދަ އެއްޗަކުން ބެޑުތައް މަލްޗްކޮށްލާށެވެ. ފިޔާ އިންދުމަށް އެންމެ ރަގަޅު ދުވަސްވަރެއް ކަމަށް ފާހަގަ ކުރެވެނީ، ފިޔާކޮނުމާ ދިމާވާ ދުވަސްވަރަކީ ވިތްސާރަ ނޫން ދުވަސްވަރަކާ ކުރިމަތިވާ ގޮތަށެވެ. ފިޔާތަށް ފަޅައިގެން ހެދެން ފެށުމުން، ވާރޭ ވެހިގެންނާއި ފެން ދީގެން ބެޑުން ވެލި ފައިބާ ނަމަ ވެލިތަށް ނަގާ ބެޑު ރަނގަޅު ކުރަން ޖެހެ އެވެ.

ގަސްކާނާ ދިނުން:

ފުރަތަމަ ފިޔާ އިންދުމުގެ ކުރިން ކާދު އަޅައި އުދަލިން ފަސްގަނޑުޖަހާ އެއްކޮއްލާށެވެ. ބެޑްލެވެލްކޮށް 2 ފޫޓް ފުޅާ 10 ފޫޓް ދިގުމިނުގައި 400 ގްރާމް ކެމިކަލް ގަސްކާނާ ބެޑުމަށްޗަށް ވިއްސާ ފަސްގަނޑުމަތީ 5 އިންޗި ބޯމިނުގެ ފަށަލާ އެއްކޮއްލާށެވެ. ކާނާއަކަށް ބޭނުން ކުރާނީ ޕްޓޭސިއަމް ގިނައިން އެކުލެވޭ މިކްސް ގަސްކާނާއަކަށެވެ.

މީގެ ފަހުން ކޮންމެ 3 ހަފްތާއަކުން ކާނާ ދޭށެވެ. މިގޮތަށް ކާނާދޭނީ 3 ފަހަރުއެވެ. ކޮންމެ ފަހަރަކު ދޭނީ 300 ގްރާމް ކާނާއެވެ. މިގޮތަށް ކާނާއަޅާއިރު އަޅާނީ ކޮންމެ ދެބަރިއެއް ދޭތެރޭގައި ރޮނގެއް ދެމުމަށް ފަހު 1 އިންޗި ފުންމިނުގައި ހުރިހާ ގަހަކަށް އެއްވަރަކަށް ވާވަރަށެވެ.

ވިނަ ނޮޅުން:

ފިޔާ ބެޑްތަކުން ވިނަނޮޅުމަކީ ވަރައްމުހިންމު ކަމެއްދީގެން ކުރަންޖެހޭނެކަމެކެވެ. މިކަމަށް އެންމެ ރަނގަޅީ އެއްވެސް ކަހަލަ ވިނަމަރާ ބޭހެއް ބޭނުންނުކުރުމެވެ. މަށަންދަތި ފަދަ އާލަތްތަށް ބޭނުންކޮށްގެން ވިނަނޮޅުމުގެ ބަދަލުގައި ރަނގަޅު ގޮތަކީ އަތުން ވިނަތައް ނޮޅާ، ސާފުކުރުމެވެ. އަދި ވިނަ ނޮޅާ އިރު ހެދެމުން އަންނަ ފިޔާތަކުގެ ކައިރިން ވެލިގަނޑު ދޫކޮށްލުމަކީ ބޭނުންތެރި ކަމެކެވެ.

ފެން ދިނުން:

* ފިޔާ އިންދުމުގެ ކުރިން ބެޑަށް ފެންޖަހާ ރަނގަޅަށް ތެންމާލާ
* އިންދުމަ ށްފަހު ވެސް ވަރަށް ރަނގަޅަށް ފެންޖަހައި ބިންގަނޑު އަޑިއާއެކު ތެންމާލާ
* ފިޔާ އިންދާތާ ފުރަތަމަ ދެ ހަފުތާގަ އިކޮންމެ ދުވަހަކު ދެފަހަރު ފެން ދިނުން. ނަމަވެސް މިކަން ބިނާވެފައި އޮންނަނީ މޫސުމުގެ މައްޗަށެވެ. ރަނގަޅަށް ވިއްސާރަ ވެހޭނަމަ ފެންދޭކަށް ނުޖެހޭނެ އެވެ.)
* ތިން ހަފްތާވުމުން ދުވާލަކު އެއްފަހަރު ރަނގަޅަށް ފެން ޖަހާށެވެ.
* ފިޔާކޮ ންނަން ދެ ހަފުތާވުމުން ފެން ދިނުން މުޅިން ހުއްޓާލާ ފިޔާތަށް ހިއްކުމަށް ފުރުސަތު ދޭށެވެ.

ފިޔާ ގަހަށް ޖެހޭ ބައްޔާއި ފަރުވާ:

އެހެން ބާވަތްތަކުގެ ތަރުކާރީ ގަސްތަކަށް ބަލިޖެހޭ ފަދައިން ފިޔާ ގަހަށްވެސް ބަލިޖެހެއެވެ. އެގޮތުން "ތްރިޕްސް" އަކީ ފިޔާގެ ފަތްތަކުގައި އަޅާ ކުދިކުދި ސުއިއްޕެކެވެ. މިއެތި އެޅުމުން ފަތްތައް ހަލާކުވެ ރަނގަޅަށް ނުހެދެވޭގޮތް ދިމާވެ އެވެ.

މިހެން ދިމާވެއްޖެ ނަމަ ޑައިމަތޮއޭޓް ކަހަލަ އިންސެކްޓިސައިޑަކުން ސްޕްރޭކުރާށެވެ.

ފިޔާ ކޮނުން:

* ފިޔާ ކޮންނަންވާއިރު ފިޔާ ގަސްތަކުގެފަތްތައް ހުންނާނީ ދެބައިކުޅަ އެއްބައި ހިކިފަ އެވެ.
* ފިޔާ ކޮންނާނީ ފިޔާ ފަތްތައް މަރުވާން ފެށުމުންނެވެ. މިހެން ވާނީ ފިޔާ އިންދާތާ 80-90 ދުވަހުންނެވެ.

ފިޔާ ކޮންނާނެ ގޮތަކީ ފިޔާ ގަހުގެ ބުޑުގައި ހިފާފާ މައްޗަށް ދަމާލާނީއެވެ. އޭރުން އުނދަގުލެއް ނެތި ފިޔާ އުފުރާލެވޭނެ އެވެ. އެއަށް ފަހު ދުވަސްކޮޅަކުން ހިޔަލުގައި ބަހައްޓައިގެން ހިއްކާލާށެވެ. ދެން ފިޔާގެ މަރުވެފައިހުރި ތޮށިތަށް ނޮޅާލާ ސާފުކޮށްލާނީ އެވެ. އަދި މޫތައް ވެސް ކޮށާލައި، ފިޔަލުގެ ފަތްތައް ވެސް އިންޗިއެއް ހުންނަ ވަރަށް ކޮށާލާނީ އެވެ.

ފިޔާ ރައްކާކޮށްފައި ބެހެއްޓުމަށް ރަނގަޅު ގޮތަކީ ދާގަނޑު ގޯނީގައި ވައި ހިނގާ ތަނެއްގަ އެވެ.

މައުލޫމާތު: ދަނޑުވެރިޔާ.ގަވް،އެމްވީ