Last Updated: January 30, 12:09
Thursday, January 30, 2025
ދުނިޔެ

ލަންކާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ޗައިނާ އިން

ސްރީ ލަންކާ އިން މިހާތަނަށް ސޮއިކުރި އެންމެ ބޮޑު ބޭރުގެ އިިންވެސްޓްމަންޓް ޗައިނާގެ ކުންފުންޏަކާ އެކު ހަދައިފި އެވެ.

މި އެއްބަސްވުން ހެދީ ޗައިނާ ސަރުކާރުގެ ތެޔޮ ކުންފުނި، ސިނޮޕެކްއާ އެވެ.

މިއަދު ސޮއިކުރި މި އެއްވަސްވުމަކީ އެ ކުންފުނިން ލަންކާގައި "ސްޓޭޓް-އޮފް-ދި-އާޓް" ތެޔޮ ރިފައިނެރީ އަށް ގާއިމުކުރުމުގެ އެއްބަސްވުމެވެ. 200،000 ފީފާގެ ތެޔޮ ރައްކާކުރެވޭ މި ރިފައިނަރީ ލަންކާގެ ހަމްބަންޓޯޓާގައި ގާއިމު ކުރަން ނިންމާފައިވާ އިރު، މި އިންވެސްޓްމަންޓްގެ އަގު 3.7 ބިލިއަން ޑޮލަރަށް އަރަ އެވެ.

ލަންކާ އާއި ޗައިނާއާ ދެމެދު މި ބިޔަ އިންވެސްޓްމަންޓްގައި މިއަދު ސޮއިކުރީ މީގެ ދެ ދުވަސް ކުރިން ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ ޗައިނާ އަށް ފެއްޓެވި ހަތަރު ދުވަހުގެ ދަރުތުގެ ތެރޭގަ އެވެ.

ލަންކާ އިން ޗައިނާ އޮން ލިބުނު ތާރީހީ ބޮޑު އިންވެސްޓްމަންޓަކީ އެ ގައުމުގެ އިގުތިސާދަށް ވަރަށް ބޑު ކުރިއެރުންތަކެއް ގެނުވައި ދޭނެ އިންވެސްޓްމަންޓެއް ކަމަށް ރައީސްގެ މިޑިއާ ޑިވިޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި މީގެ ސަބަބުން ލަންކާ އަށް ދިމާވެފައިވާ ބޭރުގެ ފައިސާގެ ތާށި ކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް ލަންކާ ސަރުކާރުން ބުންޏެވެ.

ނަމަވެސް ތެޔޮ ރިފައިނަރީ މަޝްރޫއާ ގުޅޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާ އަކީ އަބަދު ވެސް ލަންކާގެ ތަރައްގީގެ ހިއްސާގައި މުހިއްމު ބައިވެރިއެކެވެ. ނަމަވެސް ލަންކާ އިން ޗައިނާ އިން ދައްކަން އޮތް ދަރަނި ވަރަށް ބޮޑެވެ.