Last Updated: February 5, 09:47
Wednesday, February 5, 2025
ޚަބަރު

އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކޮށްފި

ރާއްޖޭގެ ޓޫރިޒަމް އިންޑިއާގައި ޕްރޮމޯޓް ކުރަން އަނެއްކާ ވެސް ހަރަކާތެއް ބާއްވައިފި އެބެ.

"މޯލްޑިވްސް މަހާއުތާސާވް" ގެ ނަމުގައި އިންޑިއާގެ ގުރުގާއޯންގައި ބޭއްވި ޕްރޮމޯޝަނަލް ކާނިވާ ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރާއި އާދީއްތަ ދުވަހު އެވެ.

އެ ކާނިވާ ރަސްމީކޮށް ހުޅުވައި ދެއްވީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ އެވެ.

އެމްއެމްޕީއާރުސީން ބުނީ ކާނިވަލުގައި ރާއްޖޭގެ 17 ރިސޯޓެއްގެ ބޫތުތައް ބަހައްޓާފައި ހުރި ކަމަށާއި އެއިން ކޮންމެ ބޫތަކަށް ޒިޔާރަތް ކުރި މީހުންނަށް ވެސް ރާއްޖެއިން ލިބޭ ހިދުމަތްތަކާއި ރާއްޖޭގެ ރީތިކަން ބަލައިލުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ރާއްޖެއާ ގުޅުންހުރި ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ކާނިވަލަށް ޒިޔާރަތް ކުރި މީހުންނަށް ދީފައިވެ އެވެ.

އިންޑިއާގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވެލް ކުންފުނި، ޕިކްޔުއާޓްރެއިލް އިން އިންތިޒާމުކޮށްގެން ބޭއްވި އެ ކާނިވަލުގެ މައިގަނޑު އަމާޒަކީ އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގެ ކައިވެނި މޫސުމުގައި ރާއްޖެއަށް ޒިޔާރަތްކޮށް ހަނީމޫން ހެދުމުގެ އިތުރުން ރާއްޖޭގައި ކައިވެނި ހަފުލާތައް ބޭއްވުމަށް ހުރި ފުރުސަތުތައް ދައްކައިލުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އިންޑިއާގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ ހަރަކާތްތަކެއް މިދިޔަ އަހަރު ވެސް އެމްއެމްޕީއާރުސީން ހިންގާފައިވެ އެވެ.

އެ ގައުމުގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތްތަކެއް އެމްއެމްޕީއާރުސީން ކުރަމުންދާއިރު، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އޭގެ ކުރީގެ އަހަރުތަކާ އަޅައި ބަލާއިރު މިދިޔަ އަހަރު މަދެވެ.

މިދިޔަ އަހަރު ވެސް އިންޑިއާގައި ރާއްޖެ ޕްރޮމޯޓް ކުރަން ދެ ފަހަރެއްގެ މަތިން ހަރަކާތްތަކެއް ހިންގާފައިވެ އެވެ. އެ ގައުމު ހިމެނެނީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގަ އެެވެ. މިދިޔަ އަހަރު އިންޑިއާ ހަ ވަނައިގައި އޮތް އިރު 2023 ގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ.