Last Updated: January 30, 11:55
Thursday, January 30, 2025
ދުނިޔެ

ނިންޓެންޑޯގެ އާ ކޮންސޯލް ނެރެން ތައްޔާރު

މަޝްހޫރު ގޭމިން ކުންފުނި، ނިންޓެންޑޯ އާ ކޮންސޯލް މި އަހަރު ނެރޭނެކަން އިއުލާންކޮށްފި އެވެ.

ކުރިން ނެރެފައިވާ "ނިންޓެންޑޯ ސްވިޗް" ގެ އާ ކޮންސޯލް "ނިންޓެންޑޯ ސްވިޗް 2" މި އަހަރު ނެރޭނެކަން އިއުލާންކުރި ނަމަވެސް ސީދާ ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ. "ނިންޓެންޑޯ ސްވިޗް" ނެރުނީ 2017 ގަ އެވެ. އޭގެ ފަހުން މީގެ އާ ކޮންސޯލެއް ނެރެން އުޅޭކަމުގެ ވާހަކަތަކެއް ގޭމިން ކޮމިއުނިޓީތަކުގެ ތެރޭގައި ދިޔައީ ވަރަށް ބޮޑަށް ދެކެވެމުންނެވެ.

އެ ވާހަކަ އަށް މި އަހަރު ނިމުމެއް ގެނެސްދޭނެކަން ނިންޓެންޑޯ އިން ކަށަވަރުކޮށް ދިނުމަކީ ނިންޓެންޑޯ ގޭމިން އަށް ލޯބިކުރާ މީހުންނަށް ހަމަގައިމު ވެސް ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.

އާ ކޮންސޯލަކީ ކުރިން ނެރެފައިވާ "ނިންޓެންޑޯ ސްވިޗް" އަށް ވުރެ ބޮޑު އަދި ޒަމާނީ ގިނަ ފީޗާތަކެއް ވެސް އެކުލެވޭނެ ޑިވައިސްއެކެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރުގައި ތިބީ އާ ކޮންސޯލްއާ ބެހޭ އިތުރު ތަފުސީލުތަކެއް ވެސް ނިންޓެންޑޯ އިން ހާމަކުރާނެ އިރަކަށެވެ.

އެގޮތުން އަންނަ އެޕްރީލް މަހުގެ 2 އަށް އިންތިޒާރު ކުރަން ނިންޓެންޑޯ އިން އެދިފައިވެ އެވެ. އެ ދުވަހު ހާއްސަ އިވެންޓެއް ބާއްވާނެކަން އޮތީ އިއުލާންކޮށްފަ އެވެ.