ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޯޑާ އިސްތިއުފާ ދެއްވަން ނިންމަވާފައިވާތީ ދެން އެ މަގާމަށް ގެންނާނެ ކަމަށް ބެލެވޭ ބޭފުޅަކީ ބޭންކް އޮފް ކެނެޑާގެ ކުރީގެ ގަވަރުނަރު މާކް ކާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މިހާރު އުމުރުން 59 އަހަރުގެ ކާނީ، ކެނެޑާގެ މަރުކަޒީ ބޭންކްގެ ގަވަރުނަރުކަން ކުރެއްވީ 2008-2013 އަށެވެ، އަދި އޭނަ އަކީ ބޭންކް އޮފް ކެނެޑާގެ 8 ވަނަ ގަވަރުނަރެވެ. އިނގިރޭސިވިލާތާއި އަޔަލޭންޑްގެ ރަށްވެހިުކަމް ވެސް އޮންނަ މާކް ވަނީ 2013-2020 އަށް ބޭންކް އޮފް އިންގްލޭންޑްގެ ގަވަރުނަރުކަން ވެސް ކުރައްވައިފަ އެވެ.
އޭނަ އެންމެ ފަހުން ހުންނެވީ ދުނިޔޭގެ އެންމެ ބޮޑު އޯލްޓަނޭޓިވް އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ ބްރޫކްފީލްޑް އެސެޓް މެނޭޖްމަންޓް (ބީއެމްއެމް) ގެ ޗެއާގެ މަގާމުގަ އެވެ.
ކެނެޑާގެ ބޮޑުވަޒީރު ކަމަށް ދެން ވަޑައިގަންނަވާނީ ކާނީ ކަމަށް ބެލެވޭ އިރު، އޭނަ ވަނީ ވެރިކަން ކުރާ ޕާޓީ، ލިބެރަލް ޕާޓީގެ ލީޑަރު ކަމަށް ވާދަކކުރައްވާނެކަން އިއުލާން ވެސް ކުރައްވައިފަ އެވެ. އެކަން އިއުލާން ކުރެއްވި އިރު ކާނީ ހުންނެވި ޔޫއެންގެ އެންވޯއިގެ މަގާމުން ވެސް މިހާރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ލިބެރަލް ޕާޓީގެ ލީޑަރު ކަމަށް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން އޭނަ ވަނީ އަދާކުރައްވަމުން ގެންދެވި ހުރިހާ މަގާމުތަކެއް މިހާރު ދޫކޮށްލައްވާފައިވާ ކަމަށް ކާނީ ވިދާޅުވި އެވެ.
"މިހާރު މި ހުރީ އެއްކޮށް ޕާޓީ އަށް ހުސްވެގެން،" ކާނީ ވިދާޅުވި އެވެ. "އަހަރެންގެ މިހާރުގެ ހުރިހާ ފޯކަސްއެއް އަމާޒުވެފައި ހުރީ ކެނެޑާނެ ހާލަތު ހުރިހާ ގޮތަކުން ވެސް ރަނގަޅު ކުރުމަށް."
ޕާޓީގެ ތެރެއިންނާއި ސަރުކާތުގެ ތެރެއިން ކުރިމަތިވަމުން އަންނަ ފިއްތުންތަކާ ގުޅިގެން ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން މި މަހުގެ 6 ގައި އިއުލާން ކުރައްވައި ޓްރޫޑޯ ވަނީ 11 އަހަރު ފަހުން، ލިބަރެލް ލީޑަރުކަމުން އިސްތިއުދާ ދެއްވައިފަ އެވެ. އަދި އޭނަ ވަނީ އާ ލީޑަރަކު ހޯދަން ޕާޓީ އަށް އަންގަވައި، އާ ލީޑަރަކު ހަމަޖެއްސެންދެން ބޮޑުވަޒީރުގެ މަގާމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރޫޑޯ، 53 ކެނެޑާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2015 ގަ އެވެ. އަދި އޭނަ އަކީ ގައުމުގެ 23 ވަނަ ބޮޑުވަޒީރެވެ.
އާ ބޮޑުވަޒީރަކު އައްޔަން ކުރުމާ މެދު އަންނަ މާޗް 9 ގެ ކުރިން ކެނެޑާ އިން ގޮތެއް ނިންމާނެ އެވެ.