ޓިކްޓޮކް މަނާކުރުން ފަސްކޮށްދިނުމަށް އެދި އެމެރިކާގެ ސުޕްރީމް ކޯޓަށް އެ އެ އެޕްލިކޭޝަންގެ ބެލެނިވެރި ކުންފުނިން ހުށަހެޅި މައްސަލަ ނާކާމިޔާބުވެއްޖެ އެވެ.
އެމެރިކާގެ ޑިމޮކްރެޓިކް އާއި ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ރުހުމާ އެކު ކޮންގްރެސްއިން ފާސްކުރި ގާނޫނުގައިވާ ގޮތުން ޓިކްޓޮކްގެ ބެލެނިވެރިކަން، އަންނަ އާދީއްތަ ދުވަހުގެ ކުރިން ޗައިނާގެ ކުންފުނިން ދޫކޮށްނުލައިފި ނަމަ އެމެރިކާގައި އެ އެޕްލިކޭޝަން މަނާވާނެ އެވެ. މިފަދަ ގާނޫނެއް ފާސްކުރީ ޓިކްޓޮކް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ޗައިނާ ސަރުކާރަށް ފޯރުކޮށްދިނުމުގެ ފުރުސަތު އޮތުމުން ކަމަށް ބުނެ އެވެ.
އެ ޤާނޫނު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓުވައިދިނުމަށް އެދި ޓިކްޓޮކްގެ ބެލެނިވެރި ކުންފުނިން އެމެރިކާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު ވަނީ ގާނޫނަށް އަމަލުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ މި އަމުރާއެކު އެމެރިކާގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ޓިކްޓޮކް މަނާވާނެ އެވެ.
އެމެރިކާ ސަރުކާރުން ވަނީ ޓިކްޓޮކް މަނާކުރުމާ ގުޅޭ ބިލު ތަންފީޒުކުރުމުގެ ހުރިހާ ބާރެއް ދޫކޮށްލާނީ، އެގައުމުގެ ރައީސް ކަމަށް ދެން ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕަށް ކަމަށް ބުނެފަ އެވެ. އެމެރިކާގެ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރައްވާނީ އަންނަ ހޯމަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާއެކު ޓްރަމްޕް ވަނީ ކޯޓުގެ ނިންމުމަށް އެންމެންވެސް އިހުތިރާމް ކުރަން ވާނެ ކަމަށާއި ޓިކްޓޮކް މަނާކުރުމާ މެދު އޭނާ ނިންމާ ނިންމުން ވަރަށް ކައިރި މުސްތަގުބަލެއްގައި ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގޮތެއް ނިންމުމުގެ ކުރިން ހުރިހާ ކަމެއް ރިވިއުކުރަން ވަގުތު ބޭނުންވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 170 މިލިއަނަށް ވުރެ ގިނަ އެވެ.