Last Updated: February 5, 05:45
Wednesday, February 5, 2025
ޚަބަރު

ބައެއް ރިސޯޓުތަކުން ރުފިޔާއިން މުސާރަ ދޭތީ ނުރުހުން

ބޭރު ފައިސާގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް މުސާރަ އާއި ސާވިސް ޗާޖު ރުފިޔާއިން ދޭން ފަށާފައިވާތީ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އެކަން ކުށްވެރިކޮށްފި އެވެ.

ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ޓޫރިސްޓް ރިސޯޓް، ހޮޓާތަކުގައި މަސައްކަތް ކުރަމުންދާ މަސައްކަތްތެރިންނަށް މިހާތަނަށް ވެސް މުސާރަ އާއި ސާވިސް ޗާޖު ދެމުން އައިސްފައިވަނީ ޑޮލަރުން ކަމަށާއި ނަމަވެސް ސަރުކާރުގެ ބައެއް ހަރަދުތައް ފޫބެއްދުމަށާއި، ލޯނުތައް ދެއްކުމަށް ބޭނުންވާ ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ޑޮލަރު މާރުކުރުމަށް މަޖުބޫރު ކުރުމާއި ގުޅިގެން ރިސޯޓް ހިންގާ ފަރާތްތަކުން ބައެއް ރިސޯޓުތަކުގައި މުސާރަ އަދި ސާވިސް ޗާޖު ދިވެހި ރުފިޔާ އިން ދިނުމަށް ނިންމަމުން ދިޔުން ކުށްވެރިކުރާ ކަމަށެވެ.

ޑޮލަރުން ދެމުން އައި މުސާރަ އަދި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ލާޒިމުކުރާ އެއްވެސް ގާނޫނީ ހަމައެއް މިވަގުތު ނެތް ކަމަށާއި، މި ބަދަލު މިހާރު ގެނައުމުން ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް 3،000 ނުވަތަ 5،000 ރުފިޔާގެ މާލީ ގެއްލުމެއް ނުވަތަ އާމްދަނީ ދަށްވުމަކާއި ކުރިމަތިލާންޖެހޭ ކަމަށް ޓީމުގެ ބަޔާނުގައިވެ އެވެ،

ޓީމުން ބުނީ ތަކެތީގެ އަގާއި ދިރިއުޅުމުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް އުފުލެމުން ދާއިރު، މިފަދަ ބޮޑު އަދަދެއް އާމްދަނީން ކުއްލިއަކަށް ދަށްވުމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 70 ޕަސެންޓް މުވައްޒަފުންނަކީ ބިދޭސީން ކަމަށާއި ރުފިޔާއިން އުޖޫރަ ދިނުމުން އެ ފަރާތްތަކުގެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ބޮޑު ތަކުލީފަކަށް ވެގެންދާނެ ކަމަށް ޓީމުން ބުނެ އެވެ. އަދި މި ހާލަތުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން ޓީމުން ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ރުފިޔާ އިން މުސާރަ އާއި ސާވިސް ޗާޖު ނަގަން އެއްބަސް ނުވުމަށާއި އަދި ވަޒީފާގެ އެއްބަސްވުން ބަދަލުކޮށް އެފަދަ ލިޔުމެއްގައި ސޮއި ނުކުރުމަށް ގޮވާލާފަ އެވެ. އަދި ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ދެމުން އައިސްފައިވާ ރިސޯޓުތަކުން ދިވެހި ރުފިޔާއަށް ބަދަލުކުރުން ހުއްޓުވުމަށް ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.