Last Updated: January 21, 06:49
Tuesday, January 21, 2025
ޚަބަރު

އިހުސާންގެ އިތުބާރު ނެތް މައްސަލަ ފެއިލްކޮށްލާނަން

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ނުވާނެ ކަމަށާއި އެކަން ފެއިލްކޮށްލާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން މަޖިލީހަށް ވެއްދި މައްސަލައާ ގުޅިގެން މީޑިއާއަކަށް ފަލާހު ވިދާޅުވީ ފަލާހު ވިދާޅުވީ އެ މައްސަލަ އަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ އެއްވެސް މެންބަރެއްގެ ސަޕޯޓު ނުލިބޭނެކަން ޔަގީން ކަމަށެވެ. އަދި އެމްޑީއޭ އަށް ނިސްބަތްވާ މެންބަރުންގެ ތާއީދު ވެސް އެ މައްސަލައަށް ނުލިބޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

"[އެހެންވީމަ] އެ މައްސަލަ ކާމިޔާބެއް ނުވާނެ. ފެއިލްކޮށްލާނަން. އެމްޑީޕީއަށް ވެސް އެނގޭނެ ކާމިޔާބު ނުކުރެވޭނެކަން،" އޭނަ ވިދާޅުވި އެވެ. "ޕީއެންސީގެ އެއްވެސް މެންބަރެއްގެ ތާއީދެއް އެ މައްސަލަޔަކަށް ނޯންނާނެ، ފެއިލްކޮށްލާނެކަން ޔަގީން."

ފަލާހު ވިދާޅުވީ އިހުސާންގެ މައްޗަށް އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި މައްސަލަ އަކީ ސިޔާސީ ގޮތުން ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި އެމްޑީީޕީން ތުހުމަތު ކުރަމުން އަންނަ ގޮތަށް ޕީއެންސީ އަށް ފަލާހު ވިދާޅުވީ މެންބަރުން އިތުރުކުރަން ވަގު ފޯމު ފުރާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ފަލާހު މިގޮތަށް ވިދާޅުވީ މިދިޔަ ހަފުތާގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ ސައްހަ ނޫން ފޯމްތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުނު ކަމަށް އެއްބަސްވެ، މައްސަލަ އީސީ އާއި ފުލުހުން ވެސް ބަލަމުން އަންނާތީ އެކަމަށް ޕާޓީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

އިހުސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާ ބޭސް އިން ވައްކަކޮށް، ޕީއެންސީ އަށް މެންބަރުން ވައްދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.

އެމްޑީޕީން ބުނީވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއްކޮށް، އިހުސާން ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށެވެ. އެހެންވެ މައްސަލަ މަޖިލީހަށް ވެއްދީ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާ އެކީގަ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އަށް އޮތް އިރު، ހަމައެކަނި އެ ޕާޓީގެ މެންބަރުންގެ އަދަދު 75 އަށް އަރަ އެވެ.