Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ބަޔަކު ކުޅިވަރު ކުޅުނީ މިސްކިތެއްގައެއް ނޫން

މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި ހުރުމަތް ކެނޑޭ ގޮތަށް ބަޔަކު ކުޅިވަރު ކުޅެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި ފެންނަނީ މިހާރު މިސްކިތެއް ނޫން ކަމަށާއި އެއީ ސެމިނާ ހޯލެއް ކަމަށް ތ. ވިލުފުށީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި އެގޮތަށް ބުނީ ވީޑިއޯގެ މައްސަލަ ބަލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އާންމުވި ވީޑިއޯއެއްގައި ދެ ޖިންސްގެ ބަޔަކު ދެ ޓީމަކަށް ބަހައިގެން، ކަރުދާސް ފެންބޯތަށި ބޮލަށް ލައިގެން ފޯރީގައި ގޭމް ކުޅޭ މަންޒަރު ފެނެ އެވެ.

ވިލިފުށީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެ ވީޑިއޯއަކީ މިދިޔަ އޮކްޓޫބަރު 6 ގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ގެންދިޔަ ހަފުލާގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި، އެރަށު ނަލަހިޔާ އިސްލާމީ މަރުކަޒުގައި ހުންނަ 'ނަލަ މާލަމަކީ' ދީނީ އަދި އިޖުތިމާއީ އެކި ބޭނުންތަކަށް މިހާރު ބޭނުންކުރާ ތަނެއް ކަމަށާއި ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ބާއްވާ އެކި މުބާރާތްތަކާއި ހަރަކާތްތަކަށް ކުރިން ވެސް އެ ތަން ބޭނުންކޮށްފައިވާ ކަމަށެވެ.

އަދި އެތަން ސެމިނާ ހޯލަކަށް ބަދަލު ކުރުމުގެ ކުރިން ބޭނުންކުރީ އަންހެނުން ނަމާދު ކުރާ ބައިގެ ގޮތުގައި ކަމަށް ކައުންސިލުން ބުންޏެވެ. އެކަމަކު މިހާރު އަންހެނުން ނަމާދު ކުރަނީ މިސްކިތުގެ މަތީ ބައިގަ އަންހެނުންނަށް ޚާއްސަކޮށް، ޕާޓިޝަން ޖަހައިގެން ހާދަފައިވާ ބައެއްގައި ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ހޯލުގައި އޮތް ކާޕެޓަކީ މިސްކިތުގެ ނަމާދުކުރާ ބައިގައި ކުރިން އަޅާފައި އޮތް ކާޕެޓެއް ކަމަށެވެ.

ވިލިފުށީ ކައުންސިލުން ބުނީ އެ ކައުންސިލަކީ ދީނީ ކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން ކަންކަން ކުރަން އަބަދު ވެސް މަސައްކަތް ކުރާ ކައުންސިލެއް ކަމަށާއި ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ބޭއްވި ހަފުލާއެއްގެ ތަންކޮޅެއް ބޭނުންކޮށްގެން ހަގީގަތް އޮޅޭ ގޮތަށް ފަތުރާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ކައުންސިލުން ބުނީ މުސްތަގުބަލުގައި ވެސް މިސްކިތުގެ ހުރުމަތް ކެނޑޭނެ ފަދަ އަމަލެއް ނުކުރާނެ ކަމަށާއި އެފަދަ ކަމަކަށް ތަރުހީބު ވެސް ނުދޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.