Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ޝަހީމް، ސަރުކާރަށް ހެޔޮ ނަސޭހަތް ދޭން ޖެހޭ: އަމްރު

ސަރުކާރުގެ ތެރޭގައި މިހާރު ހިނގަމުންދާ ނުރަނގަޅު ކަންކަމާ މެދު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސަރުކާރަށް ހެޔޮ ނަސޭހަތާއި އިރުޝާދު ދެއްވަން ޖެހޭ ކަމަށް ދާދި ފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތް ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ވަގަށް މީހުން މައްސަލަ އަށް އިޝާރާތް ކުރައްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އެކަމަށް ސަރުކާރުގެ އިދާރާއެއް ބޭނުންކޮށްފައިވާކަމީ ނުހަނު ކަންބޮޑު ވާން ޖެހޭ ކަމެއް ކަމަށެވެ.

"އެކަން ކުރެއްވި ސަރުކާރުގެ އިސް ވެރިންނާއި އެހެން ބޭފުޅުން އެކަން ކުރެއްވީ ނުރަސްމީ ގަޑީގައި ކަމަށް ވިދާޅުވޭ. ނަމަވެސް ބޭނުންކުރައްވާފަ ވަނީ ދައުލަތުގެ މުދާ. ސަރުކާރުގެ އިދާރާގެ ޖާގަ އާއި އެތަނުގެ ކަރަންޓާ، އެހެނިހެން ރައުސުލްމާކު ބޭނުން ކުރުމަކީ ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިވުން،" އަމްރު ވިދާޅުވި އެވެ. "ސަރުކާރުގެ މުވައްޒަފުން ލައްވައި މިފަދަ މަސައްކަތް ކުރުވުމަކީ ޚިޔާނަތްތެރިވުން. އަދި ސަރުކާރުގެ އިސް ބޭފުޅުން މިކަމުގައި ޝާމިލުވި ވުމަކީ ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާއާ ކޮށްފައިވާ އިތުބާރަށް ޚިޔާނަތްތެރިވުން."

އޭނަ ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ގެ ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކޮށް ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ޕީއެންސީން ވަގު ފޯމްތައް ހުށަހެޅުމަކީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުން ކަމަސް ވެސް ވިދާޅުވި އެވެ.

"މި ހާލަތަށް ކަންކަން ދިއުމުން، ހުރިހާ ހެއްކެއް ފެންނަން ހުރެމެ މިކަމާ އަޅާނުލާ ސަމާލުކަން ކުޑަ ކުރުމަކީ، އިތުރަށް ގައުމުގެ ހާލަތު ބޮއްސުން ލައިގެން ދިއުމަށް މިސްރާބުޖެހުން،" އަމްރު ވިދާޅުވި އެވެ. "އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ނަގަހައްޓަން ކުރާ މަސައްކަތުގައި އެންމެ މުހިއްމު އެއް ކަމަކަށް ވާން ޖެހޭނީ މިފަދަ ގޯހުން ދާކަންކަން ހެޔޮމަގަށް އެޅުވުމަށް ބާރު އެޅުން މިއީ ކިހާ ބޮޑެތި ގޯސްކަން ކިޔައިދީ އިސްލާހު ކުރަން މަސައްކަތް ކުރުން."

އޭނަ ވިދާޅުވީ ހުކުރު ޚުތުބާގައިވެސް މިކަމަށް އަލިއަޅުވާ ނަސޭހަތްތެރިވެ، ރައްޔިތުންނަށް މިފަދަ ޚިޔާނާތް ނުވުމަށް އިލްތިމާސްކު ރުމަކީ އިސްލާމިކް ސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިއްޔެގެ ހުކުރު ޙުތުބާގައި ވަނީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ނުބަކައިކަމާއި އެފަދަ ކަންކަމުން ދުރުވުމުގެ މުހިއްމު ކަމަށް އަލިއަޅުވައިފަ އެވެ.