މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ ވޭތު ވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައިވެ ސް ސެންޓަރުތަކުގެ ސްޓްރަކްޗާތަކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ އެކަމަށް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ މިއަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސެންޓަރުތަކުގެ ޖާގަ އިތުރުކޮށް އެ ތަންތަނުގެ ހާލަތު ރަނގަޅު ކުރުންކަން ފާހަގަކުރައްވައި ލުބްނާ ވިދާޅުވީ އެކަމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ފަރުވާގެ ނިޒާމަށް ވައްދަން ޖެހޭ ވަރަށް ގިނަ މީހުން ތިބިކަން އަޅުގަނޑުމެން ފާހަގަކުރަން. އެހެންކަމުން ފަރުވާގެ ތެރެއަށް ވޮލަންޓިއަ ގޮތުންނާއި އަދި ޑްރަގް ކޯޓު މެދުވެރިކޮށް މީގެ އިތުރުން ރިމާންޑް އޮޕަރޭޝަނުން މީހުން ނަގައިގެން އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް އެބަ ގެންދަން." އޭނަ ވިދާޅުވި އެވެ.
އޭގެ ތެރޭގައި މިއަދާ ހަމައަށް މަގުމަތިން ނަގައިގެން 74 މީހަކު ފަރުވާ އަށް ވައްދާފައ މީގެ ތެރެއިން ގާތްގަނޑަކަށް 50 މީހުން ރިމާންޑްގެ މުއްދަތު ހަމަކޮށް އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ތެރެއަަށް ޑްރަގް ރީހެބިލިޓޭޝަނަށް ވަދެފައި ތިބި ކަމަށް ވިދާޅުވި އެވެ.
ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ނަގާ މީހުންގެ ހާލަތަށް ބަލާފަ ފަރުވާ އަވަހަށް ބޭނުންވާ މީހުންނަށް އައުޓްރީޗް ކުރައްވާ ކަމަށާއި މި މަސައްކަތުގައި ފުލުހުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖްތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޑިޓޮކްސިފިކޭޝަން އެ ފަރުވާ ފަށާނީ ޑޮކްޓަރުންގެ އެހީގައި ބޭސް ދީގެން ކަމަށް ވިދާޅުވި އެވެ.
ލުބްނާ ވިދާޅުވީ އެންޑީއޭގެ ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ބަންދުކުރަން ނޫޅޭކަމަށާއި ނެޝެނަލް ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ހިންގާނެ ކަމަށެވެ. އެގޮތުން ހުޅުމީދުގައި ހުންނަ ވިލުނޫ އާއި ހިންމަފުށީގެ އިތުރުން ތިނަދު އާއި ފުވައްމުލަކުގައި ވެސް ޑިޓޮކްސިފިކޭޝަން ނިޒާމު ގާއިމްވެފައި އެބަހުރި ކަމަށް ވިދާޅުވި އެވެ.
އެ ތަންތަނުން މިހާރު ދެމުން އަންނަނީ މެތަޑޯން ފަރުވާ ކަމަށާއި ނަމަވެސް މުޖްތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާ ދޭނީ ޑޮކްޓަރުންގެ އެހީގައި ބިއުޕްރިނޯފިން ދީގެން ކަމަށް ލުބްނާ ވިދާޅުވި އެވެ.