ފަލަސްތީނުގެ ގާޒާއަށް އަލުން ހަމަލާތައް ދޭން ފަށާނެ ކަމުގެ އިޝާރާތެއް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ހަމަލާތައް ދިނުން ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ނިންމާފަ އެވެ.
ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވީ ހަމަލާތައް އަލުން ފަށަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އާއި އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ހަމަލާތައް އަލުން ފަށަން ޖެހިއްޖެނަމަ އެކަން ކުރާނީ މުޅިން އާ ގޮތްތަކެއްގެ މަތިން ކަމަށާއި ހަމަލާތައް ހުއްޓާލުމުގެ ފުރަތަމަ މަރުހަލާ އަކީ ވަގުތީ ކަމެއް ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އެކުލަވާލާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށްވާއިރު، ފުރަތަމަ މަރުހަލާގައި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ 98 އަސީރުންގެ ތެރެއިން 33 މީހަކު މިނިވަން ކުރާނެ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،904 މީހުން މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުމުގެ ދަށުން ގާޒާއަށް އިންސާނީ އެހީ ވެސް ގިނަ އަދަދަކަށް ފޯރުކޮށްދޭންޖެހެ އެވެ.
ހަމަލާތައް ދިނުން ހުއްޓާލުމަށް އެއްބަސްވުން އެކުލަވާލި ފަހުން ވެސް އިޒްރޭލުން އަންނަނީ ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. އެގޮތުން މި ހަމަލާތަކުގައި ގާޒާއިން 116 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން 46،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 109،378 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.